އާންމު ބަލިމަޑުކަމެއް ފެތުރޭތީ އައިޖީއެމްއެޗުން އެޑިއުކޭޝަން މިނިސްޓްރީއަށް ސްކޫލްތައް ބަންދުކުރުމަށް އަންގާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އާންމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލިތައް ބަންދުކުރުމަށް އައިޖީއެމްއެޗުން އެޑިޔުކޭޝަނަށް ލަފާދީފައިވާ ކަމަށް ބުނެ މީސްމީޑިއާގައި އަންނަނީ މެސެޖުތަކެއް ދައުރުވަމުންނެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ސޯޝަލް މީޑިއާގައި އާންމު ބަލިމަޑުކަމެއް ފެތުރޭތީ އައިޖީއެމްއެޗުން އެޑިއުކޭޝަން މިނިސްޓްރީއަށް ސްކޫލްތައް ބަންދުކުރުމަށް އަންގާފައި ވާކަމަށް ބުނެ ފެތުރޭ ހަބަރު ދޮގުކޮށްފައެވެ. އައިޖީއެމްއެޗުން ވެސް ވަނީ މިކަން ދޮގު ކޮށްފައެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު ވަނީ އެފަދަ އެއްވެސް އެންގުމެއް އެޑިއުކޭޝަނަށް އަންގާފައި ނުވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެފަދަ ކަންބޮޑުވުމެއް ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިހާތަނަށް ކަމާ ގުޅޭ އެއްވެސް މުއައްސަސާއަކުން ސްކޫލްތައް ބަންދުކުރުމަށް ލަފާ ދީފައި ނުވާކަމަށް ވިދާޅުވެފައެވެ.