ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު،، އެ ޕޯސްޓް ޑިލީޓްކުރި މައްސަލަ ހޫނުވެއްޖެއެވެ.
ޖޭއެސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އިއްޔެ ވަނީ އެ ތަނުން ތައުލީމު ހާސިލްކޮށް، ސްކޫލަށް ރީތި ނަން ހޯދައި ދިން މީހުންގެ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އިއްޔެ ވަނީ މީކާއިލްގެ ޕޯސްޓެއް ވެސް އެ ސްކޫލުން ޕޯސްޓްކޮށްފައެވެ. ނަމަވެސް އެ ޕޯސްޓް ކުރިތާ ގަޑިއެއްހާއިރު ފަހުން އެ ސްކޫލުން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކުން އެ ޕޯސްޓް ވަނީ ފޮހެލައިފައެވެ.
އެކަމާ ގުޅިގެން އެކްސްގައި އިއްޔެ މީކާއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޭއެސްއިން އެ ޕޯސްޓު ޑިލީޓްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އަންގައިގެން މަކަށެވެ. އޭނާ ވަނީ ސަރުކާރުން ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ.
މީކާއިލް ވަނީ ޖޭއެސް އިން އޭނާގެ ކުރިއެރުން ފާހަގަކޮށް ކުރި ޕޯސްޓު ވެސް ފަހުން އާންމު ކޮށްފައެވެ.
އެ ޕޯސްޓުގައި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ހޮވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި މީކާއިލް ހިމެނޭކަން ފާހަގަކޮށްފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އޭނާ ހާސިލް ކުރައްވާފައިވާ ކާމިޔާބީތައް ވެސް ޖޭއެސްގެ ޕޯސްޓުގައި ވެ އެވެ.
އެކަމަކު، އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މީކާއިލްގެ ޕޯސްޓު ފޮހެލީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށެވެ.
ޖޭއެސް އިން ބުނީ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކަށް ވެފައި މި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރު، މީކާއިލްގެ ފަރާތުން މިއަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ޕޯސްޓް ފޮހެލީ ކަމަށެވެ.
"އެފަދަ ކަންކަމަކީ ސްކޫލުން ގަބޫލުރާ އަހުލާގީ މިންގަނޑުން ބޭރު ކަމެއް ކަމަށް ވާތީ އާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުންދިއުމާ ގުޅިގެން،" މީކާއިލް އަށް ތައުރީފުކޮށް ކުރި ޕޯސްޓް ޑިލީޓްކުރި ސަބަބާ ގުޅޭ ގޮތުން ޖޭއެސް އިން ބުންޏެވެ.
ޖޭއެސް އިން ބުނިގޮތުގައި، މީކާއިލްއާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓް ޑިލީޓްކުރީ އެލުމްނާއީ ޕްރޮފައިލް ކޮމިޓީގެ ވެސް މަޝްވަރާގެ މަތިން ކަމަށެވެ.
މި ޕޯސްޓް ޑިލީޓް ކުރުމާ ގުޅިގެން ސްކޫލަށާއި މިނިސްޓްރީއަށް ދަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ.