ޚަބަރު

އެއް ރަށުން އަނެއް ރަށަށް ބަދަލުވާން ބޭނުންވާ ދަރިވަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން، އެއް ރަށުން އަނެއް ރަށަށް ބަދަލުވާން ބޭނުންވާ ދަރިވަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީން މިއަދު ބުނީ، ދަރިވަރުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުވުމަށް އެދޭނަމަ، "ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު" ހުށަހަޅަން ޖެހޭނީ މިހާރު ދަރިވަރު ކިޔަވަމުން އަންނަ ސްކޫލަށް ކަމަށެވެ. އެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަވަނަ ދުވަހެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދިރާސީ އަހަރު ފެށޭނީ ރޯދަމަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިތުރު އީދުގެ ބަންދު ދުވަސްތަކަކަށްފަހު އޭޕްރިލް ހަވަނަ ދުވަހުއެވެ.

މިނިސްޓްރީން ބުނީ، ރޯދަމަހުގެ 15ގެ ކުރިން ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅުންހުރި ހުރިހާ މަސައްކަތެއް ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދުވަސްވަރަކީ ދަރިވަރުންގެ ޓެސްޓުތަކާއި ދަރިވަރުންގެ ރިޕޯޓް ފޯމް ތައްޔާރުކުރަމުންދާ ދުވަސްވަރަށްވުމުން މި އަހަރުގެ ދިރާސީ އަހަރުގެ ބާކީ ދުވަސްކޮޅުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަރިވަރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ނުގެންދާނެ ކަމަށްވެސް ބުންޏެވެ.