ޚަބަރު

ދިރާސީ އާ އަހަރު ފަށާނީ އޭޕްރީލް ހައެއްގައި

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ފަށާ ގޮތަށް އެކަޑެމިކް ކަލަންޑަރުގައި ހިމަނައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ފުރަތަމަ ޓާމުގެ ޗުއްޓީގެ ގޮތުގައި 16 ދުވަސް ލިބޭނެއެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު މަހުގެ ދިހަ ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ޓާމު ނިމި ބޮޑު ބަންދު ވާނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓަށް ބަދަލު ކުރިއެވެ. އެ ބަދަލާއެކު، ބޮޑު ޗުއްޓީ ހުޅަނގު މޫސުމުގެ އެންމެ ގަދައަށް ވިއްސާރަކުރާ ޖޫން/ޖުލައިގައި ލިބޭތީ ބެލެނިވެރިންގެ ހުރި ކަންބޮޑުވުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ޖެނުއަރީގައި ފަށައި ޑިސެމްބަރަށް ބަންދު ލިބޭ ގޮތް ބަދަލުކޮށްދެއްވައިފައެވެ. އެ ބަދަލާއެކު އަންނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ.