މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ޕްރެސިޑެންޓްސް ކަޕުގެ ތަށްޓަކީ މާޒިޔާއިން ހޯދި ކުރިއެރުމުގެ ހެކި!

ޕްރެސިޑެންޓްސް ކަޕްގެ ތަށި ހޯދުނީ މެޗަކަށްފަހު މެޗެއްގައި ކުރިއެރުން ހޯދައިގެން ކަމަށާއި ޓީމުގެ ފޯމު ރޭގައި ފެނުނީ ވަރަށް ރަނގަޅުކޮށް ކަމަށް ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.

މާޒިޔާއިން މިއަހަރުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރީ ރޭ ގައުމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 2-0 އިން ކްލަބު އީގަލްސް ބަލިކޮށްގެންނެވެ. ރޭގެ މެޗުގައި މާޒިޔާގެ ދެ ގޯލުވެސް ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ޖަހައިދިން އިރު، މިއީ 2015 ވަނަ އަހަރު ފަހުން މާޒިޔާއިން ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި އެ ކްލަބުގެ ތާރީހުގައި ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރުވެސް މެއެވެ.

ރޭގެ މެޗަށްފަހު ހިތްހަމަ ޖެހިފައި ހުރި ކޯޗު އިވާން ބުނީ މާޒިޔާއިން ތަށި ހޯދީ މޮޅަށް ކުޅެ، ރަނގަޅަށް ގޭމް ކޮންޓްރޯލްކޮށްގެން ކަމަށާއި ޓީމުން ކުރަމުންދިޔަ މަސައްކަތުގައި ހޯދި ކުރިއެރުމުގެ ހެއްކަކަށް ތަށި ވާނެ ކަމަށެވެ.

"އަހަރެން ފުރަތަމަވެސް މަރުހަބާ ކިޔަން ބޭނުންވަނީ އަހަރެންގެ ކުޅުންތެރިންނަށް. މިރޭ ޓީމުން ކުޅުނީ ވަރަށް ރަނގަޅު މެޗެއް. އިތުރު ކޮމެންޓެއް ދޭނަމަ ބުނަން ޖެހެނީ ޔަގީނުންވެސް މިރޭ އަހަރެމެންގެ ޓީމު އަނެއް ޓީމަށްވުރެ މޮޅަށް ކުޅުނު ކަމަށް. އަހަރެމެން ޓީމު މިރޭ މެޗު ކޮންޓްރޯލްކޮށް ކުޅެ، އަދި ރަނގަޅު ދެ ގޯލުވެސް ޖެހީ. 2-0 އެއީ ރަނގަޅު ނަތީޖާއެއް. ކޮންމެ މެޗަކުން މެޗަކަށް ޓީމު ދިޔައީ ކަންތައްތަކެއް ރަނގަޅުކުރަން. ޓާގެޓަކަށްވެސް ވީ މެޗަކަށްފަހު މެޗެއް ރަނގަޅުކުރަމުން ދިޔުން. ކޮންމެ ކުޅުންތެރިއެއްގެ ފެންވަރުވެސް މެޗަކަށްފަހު މެޗެއް ރަނގަޅުކުރަން ބޭނުންވީ. ތަށްޓަކީ އެކަމުގެ ހެކި،" އިވާން ބުންޏެވެ.

މާޒިޔާއިން ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޓީސީ ކައިރިން މޮޅުވި ނަމަވެސް ދެން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު އަތުން ވަނީ ބަލިވެފައެވެ. ކޯޗު އިވާން ބުނީ ފުރަތަމަ ކޮޅުގައި ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅުނު ކަމަށާއި އެކަންކަން މިހާރު ހައްލުވަމުން ގޮސް ޓީމު ހަމައަކަށް އެޅިފައިވާ ކަމަށެވެ.

"ފެށިއިރު ޓީމުގައި ބައެއް މައްސަލަތައް ހުރި. ޓީމުގައި އަނިޔާގެ މައްސަލަތައްވެސް އުޅުނު. އަދި އެހެން މައްސަލަތަކާއެކު ވެސް ޓީމު ރަނގަޅުވަމުން އައިސް މިރޭ ކުޅުނީ ރަނގަޅު މެޗެއް،" އިވާން ބުންޏެވެ.

ކުރިއަށް ދެން އޮތީ ލީގު ކަމަށްވާ އިރު، ލީގަށް މާޒިޔާއިން ތައްޔާރުތޯ އެހުމުން އިވާން ބުނީ ލީގަށް އަދި އެއްޗެއް ބުނަން ބޭނުމެއް ނުވާ ކަމަށެވެ.

އޭގެ އިތުރުން ކޯޗު ވަނީ ޓީމުގައި ތަފާތު ދެއްކި ބައެއް ކުޅުންތެރިންނަށް ތައުރީފު ކޮށްފައެވެ. ފައިނަލު މެސެޖުގައި ދެ ގޯލު ޖެހި އައިސަމް އިބްރާހީމްގެ މަގާމު ބަދަލުކޮށް އޭނާ އެޓޭކިންގައި ދެއްކި ކުޅުމަށް ތައުރީފު ކުރަމުން ކޯޗު އިވާން ބުނީ، އައިސަމްއަކީ ފެންވަރު ރަނގަޅު ކުޅުމެއް ކުޅޭ ކުޅުންތެރިއެއް ކަމަށާއި މެދުތެރެއިން އެޓޭކިން ރޯލެއްގައި ކުޅެންވެސް އައިސަމްގެ ފެންވަރު އެބަހުރި ކަމަށެވެ.

އޭގެ އިތުރުން އަނިޔާގައި ހުރެފައި ރޭގެ މެޗަށް ނުކުތް ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އަށް ތައުރީފުކޮށް ކޯޗު އިވާން ބުނީ އޭނާއަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި ކޯޗު ބުނީ ސަމުއްޓެ 100 ޕަސެންޓް ފިޓް ނޫން އިރުވެސް މެޗަށް ވަނީ ތަޖުރިބާއިން ކަމަށެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑްވެސް މާޒިޔާއިން ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުން އެ މެޗުގައިވެސް ބަލިކުރީ އީގަލްސްއެވެ.