މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

މޮޅު ކޮންމެ ޓީމަކަށް ޕްރެޝަރު ބޮޑުވާނެ، އެއީ އާންމު ކަމެއް: އިވާން

ރަނގަޅު ކުޅުންތެރިންނާއެކު މޮޅަށް ކުޅޭ ކޮންމެ ޓީމަކަށްވެސް ޕްރެޝަރު ބޮޑުވުމަކީ ފުޓުބޯޅައިގެ އާންމު އުސޫލު ކަމަށާއި، އެ ޕްރެޝަރަށް މާ ބޮޑަށް ސަމާލުކަން ނުދިނުމަކީ ޕްރޮފެޝަނަލް ކުޅުންތެރިންގެ ވިސްނުން ބަހައްޓަން ޖެހޭނެ ގޮތް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.

މާޒިޔާއިން ރަނގަޅު ޕްރި ސީޒަނަކާއެކު ސީޒަނަށް ތައްޔާރުވެފައިވަނީ ބޮޑެތި ޓްރާންސްފާތަކަކާ އެކުގައެވެ. އެޓީމުން ސީޒަން ހުޅުވި މެޗުގައި ކްލަބު އީގަލްސް ކައިރިން މޮޅުވެ، ފަސްވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލާފައިވާ އިރު، އެ މެޗުގެ ކުރިން އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ވެސް ފާހަގަކުރީ ޕްރެޝަރު އޮންނާނީ އަބަދުވެސް މާޒިޔާއަށް ކަމަށެވެ.

މާޒިޔާއަށް މިދިޔަ އަހަރު ޑޮމެސްޓިކަލީ ގެއްލުނު ހަމައެކަނި މުބާރާތް، ޕްރެސިޑެންޓްސް ކަޕްގެ މިއަހަރުގެ މުބާރާތް މިރޭ ފަށާ އިރު، ފުރަތަމަ މެޗުގައި މާޒިޔާއިން ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ޕްރެސިޑެންޓް ކަޕް ރޭ ފަށަން އޮތް ނަމަވެސް، ދިމާވި ހާލަތަކާ ގުޅިގެން މިރެއަށް ފެށުން ފަސްކުރީއެވެ.

"މާޒިޔާއަށް ދާ ކޮންމެ ކުޅުންތެރިޔަކަށްވެސް އެނގޭނެ މި ކްލަބަށް އަންނަ ހިސާބުން ސައިކޮލޮޖިކަލް ޕްރެޝަރެއް ކުރިމަތިވާނެ ކަން. އެންމެން ބަލާނީ، އުންމީދު ކުރާނީ މާޒިޔާ މޮޅުވާން. އެއީ އާންމު ހާލަތެއް. އެކަމަކު އެ ޕްރެޝަރަށް ބެލުން މުހިއްމެއް ނޫން. ހަމައެކަނި ދަނޑުމަތީގައި ޓާސްކަށް ވިސްނަން ޖެހޭނީ. ޕްރޮފެޝަނަލް ކުޅުންތެރިންގެ ވިސްނުން ގެންގުޅެގެން ނުވާނެ، ގޯސް ހާލަތްތަކަކަށް، ޕްރެޝަރު ހާލަތްތަކަކަށް، އެމީހުން ޖެހޭނީ މޮޅުވާނެ ވިސްނުމުގައި ތިބެން. ދަނޑުމަތީގައި ޓާސްކް ފުރިހަމަކުރުން އޮންނާނީ. ޕްރެޝަރަށް ސަމާލުކަމެއް ނުދޭނަން،" މާޒިޔާގެ ތަޖުރިބާކާރު ކޯޗު އިވާން ބުންޏެވެ.

"މިއީ އާންމުކަމެއް. ކޮންމެ މޮޅު ޓީމެއްވެސް ޕްރެޝަރާ ކުރިމަތިލާން ޖެހޭނެ. އެހެން ނަމަވެސް އެކަމަށް މާ ބޮޑަށް ވިސްނާކަށް ނުޖެހޭ،" އިވާން އިތުރަށް ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތާ ގުޅިގެން ވާހަކަދައްކަމުން އިވާން ބުނީ ނިމިފައިވާ މުބާރާތުގެ ކަންކަން ހިނގައިދިޔަ ގޮތަށް ވިސްނުމެއް ނެތް ކަމަށާއި، އަބަދުވެސް ވިސްނަން ޖެހޭނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ. އަދި ކޮންމެ މެޗަކަށްވެސް ވަކިން ފޯކަސްކޮށް، ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްދާން ވިސްނަން ޖެހޭނެ ކަމަށްވެސް އިވާން ބުންޏެވެ.

އިވާން ބުނީ މިވަގުތު ފޯކަސް ހުރީ މެޗަށް ކަމަށާއި، އުނދަގޫ ހާލަތަކަށް މެޗު ދިޔުން އެކަށީގެންވާ ކަމަށެވެ. ހާއްސަކޮށް އިދިކޮޅަށް ނުކުންނަ ޓީމުން ވަރަށް ބޮޑަށް ޑިފެންސް ކުރާނެ ހާލަތެއް މެޗުގައި ފެންނަ ނަމަ، އެއީ ނުރައްކާވާނެ ކަމެއް ކަމަށް އިވާން ބުންޏެވެ. އޭނާ ބުނީ އެކަލަ މެޗަކަށް މެޗު ވެއްޖެނަމަ، އެންމެ ކައުންޓާ އެޓޭކަކުންވެސް ޓީސީން ނުރައްކާކޮށްފާނެ ކަމަށެވެ.

އިވާން ބުނީ މެޗު އިތުރުވުން އެއީ މިވަގުތު މާޒިޔާ އެންމެ ބޭނުންވެފައިވާ އެއް ކަންތައް ކަމަށާއި، ފުޓުބޯޅައިގައި ކޮންމެ ނަތީޖާއެއްވެސް ފެނިދާނެ ކަމަށެވެ.

"އަހަރެމެން ގިނަ ފަހަރެއްގެ މަތިން ކުޅުންތެރިންނަށްވެސް ބުނިން، ކޮންމެ މެޗެއްވެސް މުހިއްމު ވާނޭ. ގިނަ މެޗުތަކެއްވެސް މުހިއްމޭ. ޕްރެސިޑެންޓްސް ކަޕަކީ ވަރަށް މުހިއްމު މުބާރާތެއް. މިއީ ރަސްމީ ސިފައެއްގައި ލިބޭ އެކުވެރިކަމުގެ މެޗުތަކެއް ކަހަލަ މެޗެއް. އިދިކޮޅަށް ނުކުންނަ ޓީމަށްވެސް، އަހަރެންގެ ޓީމަށްވެސް ދަނޑުމަތީގައި ލިބޭނީ 90 މިނެޓު. އެ 90 މިނެޓުގައި ކޮންމެ ކަމެއްވެސް ދިމާވެދާނެ. ފުޓުބޯޅަ ޝައުގުވެރިވަނީ އެހެންވެ. އިދިކޮޅު ޓީމަށް ވަރަށް އިހުތިރާމު ކުރަން،" އިވާން ބުންޏެވެ.

މިއަހަރުގެ ޕްރެސިޑެންޓްސް ކަޕްގައި ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބުގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބު ގްރީން ސްޓްރީޓްސް ނުކުޅޭނެއެވެ. އެއީ ސީޒަނަށް ތައްޔާރުވާން ނުފެށުމުންނެވެ.

މިރޭ 10:00 ގައި މާޒިޔާއާއި ޓީސީ ވާދަކުރާ މެޗު އޮންނަ އިރު، މިއަދުގެ ޕްރި މެޗު ޕްރެސްއަށް ޓީސީން ހާޒިރުވެފައެއް ނުވެއެވެ.