މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ދޭ އިތުރު ފައިސާގެ އެހީތެރިކަމަކީ އެޓީމުން އޭއެފްސީ ކަޕްގައި ވާދަކުރާތީ ދޭން އޮންނަ އުސޫލުން ދޭ އެހީތެރިކަމެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މާޒިޔާއަށް މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ޔޫތު މިނިސްޓްރީން ވަނީ 2023 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދެވޭ އެހީގެ ގޮތުގައި އެއް މިލިއަން ރުފިޔާ އާއި ކޮންމެ ކްލަބަކަށް ސަރުކާރުން މާލީ އެހީގެ ގޮތުގައި ދޭ 247،500 ރުފިޔާގެ އިތުރުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތަކަށް އިންޑިއާގެ ކަލްކަތާއަށް ކުރި ދަތުރުގެ ޓިކެޓް ފައިސާއަށް ވާ 368،299.60 ރުފިޔާ ދީފައެވެ.
އެ ފައިސާ މާޒިޔާއަށް ދީފައިވުމާއެކު، ސީޒަނަށް ތައްޔާރުވާން އެހެން ކްލަބުތަކަށްވުރެ އިތުރަށް މާޒިޔާއަށް އެއް މިލިއަން ރުފިޔާ ދިން ކަމަށް ބުނެ ބައެއް ކްލަބުތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކްލަބްގެ އިސް ހިންގުންތެރިޔާ އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ވަނީ މި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފައެވެ.
އޭގެ އިތުރުން ރޭ ކްލަބު ގްރީން ސްޓްރީޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކްލަބުތަކަށް ހަމަހަމަ އުސޫލަކުން ފައިސާ ދޭން ޖެހޭ ކަމަށާއި މިނިސްޓްރީން ދެފުއް ފެންނަ ހަމަހަމަ އުސޫލަކުން ކްލަބުތަކަށް ފައިސާ ދޭން ގޮވާލާ ކަމަށެވެ. އަދި އެ ބަޔާނުގައި ގްރީންއިން ވަނީ އުސޫލުގެ ތެރެއިން ކުޅިވަރު ކުރިއެރުވުމުގެ މެންޑޭޓު، އިހުލާސްތެރިކަމާއެކު ތަންފީޒު ކުރުމަށް މިނިސްޓްރީއަށް ގޮވާލައިފައެވެ.
އެ މައްސަލައިގައި "ވަން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މާޒިޔާއަށް ދީފައިވާ ފައިސާއަކީ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި އެ ކްލަބު ވާދަކުރާތީ އުސޫލެއްގެ ދަށުން ދެވިފައިވާ ފައިސާއެއް ކަމަށެވެ. އަދި އެ ފައިސާ ދެމުންދަނީ އެފްއޭއެމްއާވެސް މަޝްވަރާކޮށްގެން ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"އެ ފައިސާއަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ޓީމަށް ދޭ އެހީތެރިކަމެއް. އެފްއޭއެމްއާވެސް މަޝްވަރާކޮށް އެވާހަކަ ދައްކައިގެން އެ ފައިސާ ދެމުންދަނީ. އެވާހަކަ މަޖިލިސްގައި އަދި މީޑިއާގައި ވެސް ވާނީ ކުރިން ދެއްކިފައި. ސަރުކާރުގެ ސަޕޯޓް ނުދީ މިއަދު އިންޑިއާގެ އިތުރުން ބަންގްލަދޭޝްގެ ޓީމުތަކާ ވާދަކޮށްލަން ރަނގަޅު ބޭރު ކުޅުންތެރިން ނުގެނެވޭނެތީ ދޭ ސަޕޯޓެއްގެ ގޮތުގައި އެހީތެރިކަން ހަމަޖައްސަނީ،" މަހުލޫފް ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގެ ޓީމުތަކުގެ ތެރެއިން އޭއެފްސީ ކަޕްގެ ފުރުސަތު ލިބިފައި އޮތީ މާޒިޔާގެ އިތުރުން ކްލަބު އީގަލްސްއަށެވެ. ކްލަބު އީގަލްސްއިން ގްރޫޕް ސްޓޭޖުގެ ކޮލިފިކޭޝަންގައި ވާދަކުރަން އޮތް އިރު، މާޒިޔާ ކުޅޭނީ ގްރޫޕް ސްޓޭޖުގައެވެ. މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި ފައިސާގެ އެހީ ދެމުން ދަނީ ގްރޫޕް ސްޓޭގައި ވާދަކުރާ ޓީމަށް ކަމަށެވެ.
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގައި މިދިޔަ އަހަރު ވާދަކުރަން އޮތް ވެލެންސިއާއަށް ހަރަދު ހަމަނުޖެހުނު މައްސަލައެއްގައިވެސް އެފްއޭއެމް އާއި ޔޫތު މިނިސްޓްރީގެ ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ. އެފަހަރު ވެލެންސިއާ އަށް ނުފުރިފައި ވަނީ ހަރަދު ކުރާނެ ގޮތެއް ކްލަބަށްވެސް މިނިސްޓްރީއާއެކު ހަމަ ނުޖެއްސި، އެފްއޭއެމްއަށްވެސް އެކަން ހަމަނުޖެއްސިގެންނެވެ.
އެފަހަރު ވެލެންސިއާއިން އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ 2-1 އިން ބަލިކުރުމަށް ފަހު އަނެއް ބުރުގައި ބަންގަލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ނުފުރުނީއެވެ.
މީގެ ކުރިން މިނިސްޓްރީން އޭއެފްސީ ކަޕްގައި ކުޅުނު ޓީސީ ސްޕޯޓްސް ކްލަބަށްވެސް އެހީތެރިކަން ދީފައިވާ އިރު، ސަރުކާރުން 2020 ވަނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރި ޓީސީ ޓީމަށް އެހީތެރިވުމުގެ ގޮތުން މިލިއަނެއްހާ ރުފިޔާ ދީފައެވެ. އަދި އޭގެ އިތުރުންވެސް ކޮވިޑްގެ ހާލަތުގައި ޓީސީ ކުޅުންތެރިންނާއި އޮފިޝަލުން ލަންކާގައި މަޑުކުރަން ޖެހުމުން އެކަމަށްވެސް މިނިސްޓްރީން ވަނީ ހަރަދު ކޮށްދީފައެވެ.
މިފަހަރު މިނިސްޓްރީން ދިން އެހީތެރިކަމުގެ ޝަކުވާ ކްލަބުތަކުން އުފަލާފައި ވަނީ ކްލަބުތަކުގެ ފައިސާގެ ހާލަތު ވަރަށް ބޮޑަށް ގޯސްކޮށް އޮއްވައެވެ. މިފަހަރު އެފްއޭއެމްއިން ކްލަބުތަކަށް ދޭ ފައިސާ ލަސްވެފައިވާ އިރު، ކްލަބުތަކުގެ ފަރިތަކުރުންތަކަށް ވަނީ އެކަމުން ބުރޫތަކެއް އަރައިފައެވެ. އަދިވެސް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބު ގްރީން ސްޓްރީޓްސް ސީޒަނަށް ފަރިތަކުރުންތައް ފަށައިފައެއް ނުވެއެވެ. މިރޭ ފަށާ ޕްރެސިޑެންޓްސް ކަޕްގައިވެސް އެ ދެޓީމުން ވާދަނުކުރާނެއެވެ.