ލިވަރބޯރޑް އެސޯސިއޭޝަން (ލޭމް) އިން އިންތިޒާމު ކުރާ މޯލްޑިވްސް ބޯޓިން އެވޯރޑްސް 2018 އަށް ނޮމިނޭޓްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ލޭމްގެ ފަރާތުން 2014 ވަނަ އަހަރު ފެށި މޯލްޑިވްސް ބޯޓިން އެވޯރޑްސް އަކީ ރާއްޖޭގެ ބޯޓިން އިންޑަސްޓްރީ ހަރުދަނާކޮށް އެފަރާތްތަކުގެ އަގުވަޒަން ކުރުމަށްބާއްވާ އެވޯޑެކެވެ.
މި އެވޯރޑަށް ނޮމިނޭޓްވުމަށް އެޕްލިކޭޝަން ފޯމް ފުރުމަށްފަހު އޭގެ ސްކޭން ކޮޕީއެއް ބޭނުންވާ ލިޔުންތަކާއެކު [email protected] އަށް 5 ނޮވެމްބަރުގެ 12:00ގެ ކުރިން ފޮނުވުމަށް ލޭމް އިން މައުލޫމާތު ދެއެވެ. އަދި އެވޯރޑުގައި ބައިވެރި ވެވޭނީ ލިވަރބޯރޑް އެސޯސިއޭޝަނުގެ މެމްބަރުންނަށްކަންވެސް ލޭމްއިން ވަނީ ފާހަގަ ކޮށްފައެވެ. Liveaboards.mv ވެބްސައިޓްއިން އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
ނޮމިނޭޓްވާ ފަރާތްތަކަށް ވޯޓްލުމަށް އޮންލައިން ވޯޓިން އަދި އެސްއެމްއެސް ވޯޓިންއަށް 5 ނޮވެމްބަރު 2018 އިން 5 ޑިސެމްބަރު 2018 ހުޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ބޯޓިން އެވޯރޑްސްގައި މިފަހަރު 26 ކެޓަގަރީ ހިމެނޭއިރު ވަނަތައް ހޮވާނީ ޖަޖުންގެ މާރކްސް އާއި އޮންލައިން އަދި އެސްއެމްއެސް ވޯޓަށް ވެސް ބަލާފައެވެ.
ލިވަރްބޯރޑް އެސޯސިއޭޝަނަކީ 2007 ވަނަ އަހަރުންފެށިގެން ރާއްޖޭގައި ލިވަރބޯރޑްގެ ދާއިރާގެ މަސައްކަތުގެ ބެލެނިވެރިއެއްގެ ގޮތުގައި އެ މަސައްކަތް ފުޅާކޮށް މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ނެރެދިނުމަށް އެހީތެރިވާ އެސޯސިއޭޝަނެކެވެ.