ސްޕެނިޝް ލަލީގާ

ޕެޑްރީގެ ގޯލުން ވިލަރެއާލް ބަލިކޮށް، ބާސާ 11 ޕޮއިންޓްގެ ލީޑެއްގައި

ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ވިލަރެއާލް ބަލިކޮށްފިއެވެ.

ބާސާއިން ރަށުން ބޭރުގައި ވިލަރެއާލް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، ބާސާއިން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެއީ 21 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ބާސާއާ އެންމެ ގާތުން ލީގަށް ވާދަކުރަނީ މި ހަފުތާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރި ރެއާލް މެޑްރިޑެވެ. ރެއާލްއިން މިހާތަނަށް ލީގުގައި 20 މެޗު ކުޅެފައިޥާ އިރު، އެޓީމަށް ލިބިފައި ވަނީ 45 ޕޮއިންޓެވެ.

މިހާތަނަށް 26 ފަހަރަށް ލަލީގާ ކާމިޔާބުކޮށްފައިވާ ބާސާއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލް ފެނިގެން ދިޔައީ 18 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ރޮބާޓް ލެވަންޑޯސްކީ ތަނަވަސްކޮށްދިން ބޯޅައަކުން ޕެޑްރީ ޖެހި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، ހަމަލާތައް ގިނަކަން ފާހަގަވެގެން ދިޔައެވެ. ވިލަރެއާލްގެ އެލެކްސް ބައޭނާއާއި ޔެރެމީ ޕިނޯ ޖެހި ބޯޅަތައް ބާސެލޯނާ ގޯލްކީޕަރު އަންދްރޭސް ޓާ ސްޓެގެން މަތަކުރި އިރު، އަނެއްކޮޅުން ލެވަންޑޯސްކީއާއި ރަފީނިއާ ޖެހި ބޯޅަތައް މަތަކުރީ ވިލަރެއާލްގެ ގޯލް ބެލެހެއްޓި 40 އަހަރުގެ ޕެޕޭ ރޭނާއެވެ.

ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑުން ރަށުން ބޭރުގައި ކުޅުނު މެޗުގައި 1-0 އިން ސެލްޓަ ވީގޯ ބަލިކުރި އިރު، އެ މެޗުގައި ގޯލް ޖެހީ މެމްފިސް ޑިޕާއީއެވެ.