މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ސެންޓޭ އާއި ހެލްމެޓް އަދި ޗޯޓުވެސް މާޒިޔާއަށް

ރާއްޖޭގެ އެންމެ ތަޖުރިބާކާރު، އެންމެ ކާމިޔާބު އެއް ފޯވަޑް އަލީ ފާސިރު (ސެންޓޭ) އާއި ގައުމީ ޓީމުގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)، އަދި އުންމީދީ ފޯވަޑް ހަސަން ނަޒީމް (ޗޯޓު) ވެސް އަންނަ ސީޒަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެއެވެ.

މިދިޔަ ސީޒަނުގައި ކްލަބު ގްރީން ސްޓްރީޓްސްއިން އެންމެ ބޮޑަށް ވިދާލި ހުނަރުވެރި، ހަލުވި ފޯވަޑް ޗޯޓު މާޒިޔާއާ ގުޅިފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ގައުމީ ޔޫތު ޓީމުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ޗޯޓުއަށް މިހާރު ގައުމީ ސީނިއާ ޓީމުންވެސް ޖާގަ ލިބެމުން އަންނަ އިރު، ޗޯޓުއަކީ އުމުރުން 21 އަހަރުގެ ކުޅުންތެރިއެކެވެ. އޭނާގެ ހަގު އުމުރުގައި ފޯކައިދޫ ޓީމުންވެސް ފާހަގަކޮށްލެވިފައިވާ އިރު، އިންޓަ ސްކޫލް މުބާރާތްތަކުގައިވެސް ޗޯޓުގެ ވިދުން ގަދައެވެ.

މާޒިޔާއިން މިއަދު އިއުލާން ކުރި އުމުރުން 30 އަހަރުގެ ޑިފެންޑަރު ހެލްމެޓަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ސެންޓަ ހާފެވެ. ހެލްމެޓަކީ މިހާރު ގައުމީ ސީނިއާ ޓީމުގެވެސް އެންމެ އިތުބާރު އެއް ޑިފެންޑަރެވެ. މާޒިޔާގައި މިވަގުތު އަލީ ސަމޫހު (ސަމުއްޓެ) ވެސް ހުރި އިރު، އޭނާ ވަނީ އެއްބަސްވުން އާކޮށްފައެވެ. އެހެން ނަމަވެސް އަކުރަމް އަބްދުލްޣަނީ (އަކޫ) އަދި ކުރިއަށް އޮތް ސީޒަނަށް މާޒިޔާއާއެކު އެއްބަސްވުން އާކޮށްފައެއް ނުވެއެވެ.

ހެލްމެޓްގެ ކެރިއަރު ފެށީ ބީޖީ ސްޕޯޓްސް ކްލަބުންނެވެ. އެ ކްލަބާއެކު ތިންވަނަ ޑިވިޝަންގައި ހެލްމެޓް ފެނުނު އިރު، 2013 ވަނަ އަހަރުން ފެށިގެން ކުޅެމުން އައީ ކްލަބު އީގަލްސްއަށެވެ. އޭނާއަކީ މިދިޔަ ފަސް ވަރަކަށް ސީޒަނުގައި އެ ކްލަބުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާވެސް މެއެވެ.

ބ. އޭދަފުއްޓަށް އުފަން، އުމުރުން 34 އަހަރުގެ ތަޖުރިބާކާރު ފޯވަޑް ސެންޓޭވެސް މާޒިޔާއާ ގުޅިފައިވާ އިރު، އޭނާ އަންނަ ސީޒަނަށް ނުކުންނާނީ ބޮޑު އަނިޔާއަކުން ރިކަވާ ވެގެންނެވެ. ސެންޓޭ މިދިޔަ ސީޒަނުގައި ކްލަބު ވެލެންސިއާއަށް ކުޅެފައިވާ އިރު، ސީޒަންގެ ޕްރެސިޑެންޓްސް ކަޕް ފައިނަލުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާ ވަނީ ސާޖަރީ ހަދައިފައެވެ. ސާޖަރީއާއެކު ސީޒަނުގެ ބޮޑުބައެއް ސެންޓޭއަށް ގެއްލިފައިވާ އިރު، އަނބުރާ ދަނޑު މައްޗަށް ނުކުތީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުންނެވެ.

ކްލަބު އީގަލްސްއާއި ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ވެލެންސިއާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބަށްވެސް މޮޅަށް ކުޅެފައިވާ ސެންޓޭ މީގެ ކުރިން މާޒިޔާއަށް ކުޅެފައެއް ނުވެއެވެ. ލޯކަލް އެކިއެކި ކްލަބުތަކަށް 200 އާ ގާތްކުރާ އަދަދަކަށް ސެންޓޭ ގޯލު ޖަހައިދީފައިވާ އިރު، އޭނާ ވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ސީޒަންގެ ރަން ބޫޓުވެސް ހޯދައިފައެވެ. ގައުމީ ޓީމަށްވެސް މުހިއްމު މެޗުތަކެއް ކުޅުނު ސެންޓޭ އަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އިންޑިއާ ކޮޅަށްވެސް ގޯލު ޖެހި ފޯވަޑެކެވެ.

މާޒިޔާއިން މިއަދު އާ ކޯޗު، ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު، ބޮޑެތި ގިނަ ޓްރާންސްފާތަކެއްވެސް ދަނީ ފުރިހަމަކުރަމުންނެވެ. އެގޮތުން މިއަދުގެ ޓްރާންސްފާތަކުގެ އިތުރުންވެސް އީގަލްސްއަށް ކުޅެމުންދިޔަ އެ ކްލަބުގެ ކެޕްޓަން ހުސައިން ސިފާއު ޔޫސުފް (ކްރޯ) އާއި ހަސަން ރާއިފް (ހަންނަ) ވެސް މާޒިޔާއަށް މިފަހަރު ގެންގޮސްފައިވެއެވެ. އަދި އޭގެ އިތުރުން ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްވެސް މާޒިޔާއާ ކުރިއަށް އޮތް ސީޒަނަށް ގުޅިފައިވެއެވެ.

ކުޅުންތެރިން ގެންދިއުމުގެ އިތުރުން، ކްލަބުގައި މިހާރު ތިބި ވަރުގަދަ ކުޅުންތެރިންތަކެއްގެ އެއްބަސްވުންވެސް މާޒިޔާއިން ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު)، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެއެވެ.