ހުޅުމާލެ

ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރެވޭނީ އިމާރާތުގެ ވެރިފަރާތަށް އެކަނި: އެޗްޑީސީ

ހަތަރު ފުރޮޅުލީ އުޅަނދުތައް ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓަރީ ކުރެވޭނީ ހުޅުމާލޭގެ ގޯއްޗާއި ރޯހައުސް އަދި ފްލެޓްތަކުގެ ވެރިފަރާތްތަކަށް އެކަނި ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން އިއްޔެކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލުގެ ދަށުން، ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ރެޖިސްޓްރީ ކުރެވޭނީ ހުޅުމާލޭގެ ގޯތި، ރޯހައުސް، އަދި ފްލެޓެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ ނުވަތަ ބައްޕަގެ ނަންމަތީގައި އެކަނި ކަމަށެވެ.

އަދި ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކް ކުރަން ހުއްދަ ދީފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކްކޮށްފިނަމަ، އެ އުޅަނދެއްގެ ރަޖިސްޓްރީ ހިފަހައްޓާނެ ކަމަށް ބުނެފައިވެއެވެ.

އަދި އެ އުޅަނދުތައް ދަންވަރު 12:00 ފެށިގެން ހެދުނު 06:00 އާ ދެމެދު އެއް ގަޑި އިރަށް ވުރެ ގިނައިރު ވަންދެން މަގުމަތީގައި ޕާކު ކޮށްފައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން އުޅަނދުތައް ބޭއްވުމަށް ދެވޭ ހުއްދައިގެން ދަށުން މިހާރު ހުއްދަ ދެވޭނީ، ގޭގެ ރަޖިސްޓިރީގައި ހިމެނޭ މީހުނަށް އެކަންޏެވެ. އަދި އުޅަނދުތައް ޕާކު ކޮށްފައި ވަނީ ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައިތޯ ބަލައި ޗެކް ކުރާނެ ކަމަށާއި އެ ގަރާޖު އެހެން ބޭނުމަކަށް ބޭނުން ކުރަމުންދާނަމަ ގަރާޖުން އުޅަނދު ޕާކު ކުރުމުގެ ހުއްދަ އަތުލާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

އަދި ޕޯޓަލްއަށް ލޮގް އިން ވުމުން ހުޅުމާލެއަށް އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލާއި ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު ފެންނަން ހުންނާނެ ކަމަށެވެ.

އެޗްޑީސީއިން ބުނީ އަންނަ ބުދަ ދުވަހުގެ 8:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅޭނެ ކަމަށެވެ.