އައިފޯން

ބްރެޒިލްގެ ކޯޓުން އެޕަލް ޖޫރިމަނާކޮށް، ޗާޖަރާއެކު އައިފޯނު 14 ވިއްކަން އަމުރުކޮށްފި

އާދަމް ނަސީރު

ބްރެޒިލްގެ ކޯޓަކުން އެޕަލް ކުންފުނި 100 މިލިއަން ރިއަލް (19 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށް، އެ ގައުމުގައި ވިއްކާ އާ އައިފޯންތަކާއެކު ޗާޖަރު ވެސް ލިބެން ޖެހޭނެ ކަމަށް ހުކުމްކޮށްފިއެވެ.

ސައޯ ޕައޮލޯ ސްޓޭޓް ކޯޓުން އެޕަލްއާ ދެކޮޅަށް ހުކުމްކޮށްފައި ވަނީ ލޯނު ނަގާ ފަރާތްތަކާއި ކޮންސިއުމަރުންނާއި ޓެކްސް ދައްކާ ފަރާތްތަކުގެ ޖަމިއްޔާއިން ހުށަހެޅި ދައުވާގައި އެ ކުންފުނިން ޗާޖަރެއް ނެތި ފްލެގްޝިޕް ފޯނުތައް ވިއްކައިގެން ގޯސް އަމަލުތައް ހިންގާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެޕަލް ކުންފުނިން ބުނެފައިވަނީީ އެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.

މީގެ ކުރިން ވެސް ބުރެޒިލްގެ ކޯޓަކުން ވަނީ ހަމަ މި ގޮތަށް އެޕަލް ޖޫރިމަނާ ކޮށްފައެވެ. އެފަހަރުވެސް އެޕަލްގެ މައްޗަށް ކުރި ހުކުމުގައި ވަނީ ކޮންމެ ފޯނަކާއެކު ޗާޖަރު ލިބެންވާނެ ކަމަށާއި ނުވަތަ ބެޓެރީ ޗާޖު ކުރެވޭނެ އެހެން ގޮތެއް ދައްކަން ވާނެ ކަމަށެވެ. އެހެން ނަމަވެސް އެޕަލް ކުންފުނިން ބުނީ ކޮންމެ ފޯނަކާ އެކު ޗާޖަރެއް ނުވިއްކަނީ ކުނި މަދު ކުރުމަށް ކަމަށާއި ކުރީގެ ޗާޖަރުތަކުންވެސް މި ފޯނުތައް ޗާޖު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެޕަލް ނޫން އެހެން އާންމު ފޯނު ތަކުގައި ބޭނުން ކުރަނީ ސީޕޯޓް ޗާޖަރެކެވެ.

އެޕަލް ކުންފުނީގެ ބަސް ގަބޫލު ނުކުރެވޭ ކަމަށާއި އެމީހުންގެ މަގުސަދަކީ ފޯނާއެކު އިތުުރު ވިޔަފާރި ކުރުން ކަމަށް ބައެއް މީހުން ބުނެއެވެ. އެޕަލް ކުންފުނީގެ މި އާދަތަކުގެ ސަބަބުން ޔޫރަޕްގައިވެސް ވަނީ ވަރުގަދަ ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނުގެ ބޭނުމަކީ ކާބަން ދޫކުރާ މިންވަރު މަދުކުރުމާއި ކުނި ގިނަވާ މައްސަލަ ހައްލު ކުރުން ކަމަށްވަނީ ބުނެފައެވެ.