ސެމްސަންގުން މިހާރު ވަނީ އާ ޖީލުގެ ގެލެކްސީ އޭ ސީރީޒް ފޯނުތައް ނެރުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މީގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވިފައިވަނީ ތިން މޮޑެލެކެވެ. އެއީ ގެލެކްސީ އޭ56، އޭ36 އަދި އޭ26 އެވެ. މި ހުރިހާ މޮޑެލްތަކެއްވެސް ނެރޭނީ މެދު ފަންތީގެ ސްމާޓްފޯނުތަކުގެ ގިންތިއަށެވެ.
ރަސްމީކޮށް ފޯނުތަައް ރިލީސްކުރުމުގެ ކުރިން ސެމްސަންގުން ވަނީ 1 މިނެޓުގެ އިޝްތިހާރެއް ހިއްސާކޮށްފައެވެ. އަންނާން އޮތް އޭ-ސީރީޒް މޮޑެލްތަކުގެ ޑިޒައިނާއި، ސޮފްޓްވެއާ އަޕްގްރޭޑްތަކުގެ ސަބަބުން ލިބޭނެ ދިގު މުއްދަތުގެ ބޭނުން މި ވީޑިއޯގައި ބުނެދީފައިވެއެވެ. އެހެންކަމުން، އާ ސްމާޓްފޯނެއް ގަތުމަށް އިންތިޒާރުކުރަމުން އަންނަ ނަމަ، ސެމްސަން ގެލެކްސީ އޭ56، ގެލެކްސީ އޭ36، އަދި ގެލެކްސީ އޭ26 ގެ ފަހުގެ މައުލޫމާތު މުހިންމު ވާނެއެވެ.
މި އިޝްތިހާރުން ގެލެކްސީ އޭ56 އަދި އޭ36 މޮޑެލްތަކުގެ ކުޑަ ތަސައްވުރެއް ލިބެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މި ސްމާޓްފޯނުތަކަށް 6 އަހަރުގެ ސޮފްޓްވެއާ ސަޕޯޓާއި ސެމްސަންގުގެ ނޮކްސް ސެކިއުރިޓީ ލިބޭނެ އެވެ. މި އިޝްތިހާރުގައި ފޯނުގެ މުހިންމު ފީޗާތަކެއް އާންމުކޮސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ދައްކާފައިވަނީ އަންނާން އޮތް ފޯނާ ބެހޭ ގޮތުން ޝައުގުވެރިކަން އުފެދޭ ކަހަލަ ކަންކަމެވެ.
ޓެކް ރިޕޯޓުތަކުގައިވާ ގޮތުން، ގެލެކްސީ އޭ56 ގައި ހުންނާނީ 6.7 އިންޗީގެ އެމޯލެޑް ޑިސްޕްލޭއެކެވެ. ގެލެކްސީ އޭ36 ގައި ހުންނާނީ އެއަށްވުރެ ކުޑަ 6.64 އިންޗީގެ ޑިސްޕްލޭއެކެވެ. ނަމަވެސް މި ދެ މޮޑެލްގައިވެސް 120 ހާޓްޒްގެ ރިފްރެޝް ރޭޓް ހުރެދާނެ އެވެ. އަދި ކޯނިންގް ގޮރިލާ ގްލާސް ވިކްޓަސް+ ޕްރޮޓެކްޝަން ލިބުން އެކަށީގެންވެއެވެ. ޕާފޯމަންސްގެ ގޮތުން، ގެލެކްސީ އޭ56 ގައި ހުންނާނީ އެކްސީނޮސް 1580 ޕްރޮސެސަރެވެ. މިއާއެކު 12 ޖީބީއާ ހަމައަށް ރޭމް ސްޓޯރޭޖް ލިބޭނެއެވެ.
މި ދެ ސްމާޓްފޯނުގައިވެސް ހުންނާނީ، އޭގެ ކުރީގެ މޮޑެލްތަކެކޭ އެއްފަދައިން، ތިން ކެމެރާގެ ސެޓަޕެކެވެ. ގެލެކްސީ އޭ56 ގައި ހުންނާނެ ކަމަށް ބެލެވިފައިވަނީ 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 12 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއަކާއި، އަދި 5 މެގަޕިކްސެލްގެ މެކްރޯ ލެންސެކެވެ. ގެލެކްސީ އޭ36 ގައިވެސް ހުންނާނީ މިފަދަ ކެމެރާ ލެންސްތަކެކެވެ. ނަމަވެސް މީގައި ހުންނާނީ 8 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެކެވެ.