ޓެކްނޮލޮޖީ

އެޕަލްގެ އައިފޯން 16އީ އަށް އެކުންފުނީގެ ފުރަތަމަ އަމިއްލަ 5ޖީ މޮޑެމް ސީ ވަން ޗިޕް

އައިފޯން 16އީ މިހާރު ވަނީ ރަސްމީކޮށް ތައާރަފުކޮށްފައެވެ.

މި ފޯނުގައި ހިމެނެނީ އައިފޯން 16 އަދި އައިފޯން 16 ޕްލަސްގައި ބޭނުންކޮށްފައިވާ އެޕަލް އޭ18 ޗިޕް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އެޕަލްގެ ސީ1 ޗިޕްވެސް ހިމެނެއެވެ. މިއީ އެޕަލްއިން އަމިއްލައަށް ފަރުމާކޮށްފައިވާ ފުރަތަމަ މޮޑެމެވެ. އެޕަލްއިން މި މޮޑެމާ ގުޅޭގޮތުން ވަރަށް ބޮޑެތި ދައުވާތަކެއް ކޮށްފައިވެއެވެ. އެގޮތުން މިއީ އައިފޯނެއްގައި މިހާތަނަށް ބޭނުންކޮށްފައިވާ އެންމެ ހަކަތަ ރަނގަޅު މޮޑެމްކަމަށާއި، އަވަސް އަދި އިތުބާރުހުރި 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދޭ މޮޑެމެއްކަމަށް ބުނެފައިވެއެވެ.

ކުންފުނިން ބުނާ ގޮތުގައި މި ޗިޕްގެ އެތެރޭގެ ފަރުމާއާއި އައިއޯއެސް 18 ގެ ހަކަތަ ބެލެހެއްޓުމުގެ ގާބިލުކަން ގުޅިގެން، ބެޓެރީގެ އުމުރު އިތުރުވެގެންދެއެވެ.

މި އާ ސީ1 ޗިޕަކީ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށްފައިވާ އެއްޗެއް ނޫނެވެ. މި ޗިޕްގެ މަސައްކަތް އެތައް އަހަރެއް ވާންދެން ކުރަމުން އައިސްފައިވާކަމަށް އެކުންފުނީން ބުނެފައިވެއެވެ. މިއީ އައިފޯން 16އީ އިއުލާންކުރުން ލަސްވެފައިވާ ސަބަބު ކަމަށް ވެދާނެ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ.

މި ފޯނުގެ ޕަރފޯމަންސަކީ ފްލެގްޝިޕް ފެންވަރުގެ އެއްޗެއް ނަމަވެސް، ގިނަ ބަޔަކަށް ފްލެގްޝިޕް ފެންވަރުގެ އެއްޗެއްހެން ހީނުވެދާނެ އެކައްޗަކީ ކެމެރާގެ ތަޖުރިބާއެވެ. އެއީ އައިފޯން 16އީ ގައި ހުރީ އެންމެ ކެމެރާއެއް ކަމަށްވާތީއެވެ.

އައިފޯން 16އީ ގައި ހުރީ އެންމެ ކެމެރާއެއް ނަމަވެސް، އެއީ މާ ގާބިލު އެއްޗެކެވެ. މި ފޯނުގައި ހުންނާނީ 2-އިން-1 48އެމްޕީ "ފިއުޝަން ކެމެރާ" އެއް ކަމަށްވާތީއެވެ. މިއީ އައިފޯން 16 ގައި ހުންނަ ކެމެރާއާ އެއްގޮތް އެއްޗެކެވެ. މިއިން 2x އޮޕްޓިކަލް-ކޮލިޓީ ޓެލެފޯޓޯ ޝޮޓްތައް ނެގުމުގެ ފުރުސަތު ލިބެއެވެ. އެހެންކަމުން މިއީ އަމަލީގޮތުން ދެ ކެމެރާއެއްގެ ބޭނުން އެއް ކެމެރާއަކުން ހިފޭ ގޮތެކެވެ.

މި ސެޓަޕްގެ ސަބަބުން، ސަބްޖެކްޓާ ކައިރިވެ، 2x ފޯކަލް ލެންތަކާ ހަމައަށް ޝޮޓްތައް ރަނގަޅަށް ފްރޭމްކުރެވޭނެ އެވެ. މި ޒޫމަކީ ޑިޖިޓަލް ޒޫމެއް ނަމަވެސް، އެޕަލްގެ ސޮފްޓްވެއާ ޖާދޫގެ ސަބަބުން ވަރަށް ތަފްސީލީ ޝޮޓްތައް ނެގޭނެއެވެ. އަދި އެހެން އައިފޯން 16 މޮޑެލްތަކާއެކު ލިބިފައިވާ ތަޖުރިބާއަށް ބަލާއިރު، މީގެ ފެންވަރަކީ އާންމު 2x ޑިޖިޓަލް ޒޫމަކުން ލިބޭ ފެންވަރަށްވުރެ މާ މަތީ ފެންވަރެކެވެ.

ނަމަވެސް އަލްޓްރާ-ވައިޑް-އޭންގަލް ލެންސެއް މި ޕޯނުގައި ނުހުންނާނެއެވެ. ހާއްސަކޮށް އެޕަލްގެ އަލްޓްރާ-ވައިޑް ކެމެރާތަކަކީ އެންމެ ރަނގަޅު ނޫންކަމުގައިވިޔަސް، އިތުބާރުހުރި އެއްޗެކެވެ. އެހެންކަމުން، ޒޫމް-އިން ކުރެވޭނެ ނަމަވެސް، ޒޫމްއައުޓެއް ނުކުރެވޭނެއެވެ. މިއީ ގިނައިން ލޭންޑްސްކޭޕް ފޮޓޯ ނެގުމަށް އަލްޓްރާ-ވައިޑް ފޮޓޯގްރަފީ ބޭނުންކުރާ ނަމަ ލިބޭނެ ގެއްލުމެކެވެ. ނަމަވެސް، އަލްޓްރާ-ވައިޑް ލެންސްތަކަށް ބަރޯސާ ނުވާ، ފޮޓޯގްރަފީއަށް މާބޮޑަށް ޝައުގުވެރި ނުވާ، އަދި މައިގަނޑު ގޮތެއްގައި ޕޯޓްރެއިޓްތަކާއި ދުވަހުން ދުވަހަށް ނަގާ ފޮޓޯތަކަށް ރަނގަޅު މައިގަނޑު ކެމެރާއެއް ބޭނުންވާ މީހުންނަށް، އައިފޯން 16އީ ގެ ކެމެރާ ސެޓަޕް ފުދޭނެއެވެ.

ފާހަގަކުފެވޭ އަނެއް ކަމަކީ، އައިފޯން 16 ސީރީޒް ފަދައިން، އައިފޯން 16އީ ގެ ޑިފޯލްޓް ފޮޓޯ އައުޓްޕުޓަކީ 24އެމްޕީ ކަމެވެ. ނަމަވެސް ފުލް 48އެމްޕީ ރެޒޮލިއުޝަންގައިވެސް ފޮޓޯ ނެގިދާނެއެވެ.

ވީޑިއޯއަށް ބަލާއިރު، ބައެއް ފީޗާތައް މަދެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި މަދުވަނީ އައިފޯން 16 ގައި ހުންނަ ސިނަމެޓިކް މޯޑެވެ. އައިފޯން 16 އަދި 16 ޕްލަސްގެ އިތުރުން ޕްރޯ މޮޑެލްތަކުގައިވެސް ސިނަމެޓިކް މޯޑު ސަޕޯޓްކުރެއެވެ. މިއީ މައިގަނޑު ގޮތެއްގައި ޕްރޮފެޝަނަލް ކެމެރާއެއް ކޮޕީކުރާ އެއްޗެކެވެ. އެއީ ފަހަތުގެ ބްލަރ (ބޯކޭ) ސިމިއުލޭޓްކޮށްގެން މާ ސިނަމެޓިކް، ޕްރޮފެޝަނަލް ފެންނަ އިމޭޖެއް އުފެއްދުމަށެވެ. ނަމަވެސް، އައިފޯން 16އީ ގެ ސްޕެސިފިކޭޝަންތަކަށް ބަލާއިރު، މި ފީޗަރ ނެތްކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް، އައިފޯން 16 އާ އެއްފަދަ ވީޑިއޯ ގާބިލުކަން ލިބޭނެއެވެ. އޭގެ ތެރޭގައި 60 އެފްޕީއެސްއާ ހަމައަށް 4ކޭ ޑޮލްބީ ވިޝަން ވީޑިއޯ ނެގުމުގެ ގާބިލުކަމާއި، 240 އެފްޕީއެސްއާ ހަމައަށް ސްލޯ-މޯޝަން ވީޑިއޯ ނެގުމުގެ ގާބިލުކަން ހިމެނެއެވެ. މީގެ އިތުރުން، އައިފޯން 16 ގައި ހުންނަ ފަދައިން އެހެން މޯޑުތައްވެސް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ނައިޓް މޯޑް ޓައިމް-ލޭޕްސް، އަދި ވީޑިއޯ ރެކޯޑުކުރަމުންދާއިރު ފޮޓޯ ނެގުމުގެ ގާބިލުކަން ހިމެނެއެވެ.

އެޕަލްގެ އޯޑިއޯ ފީޗާތައްވެސް ހުންނާނެއެވެ. އޭގެ ތެރޭގައި ނޮއިޒް ރިޑަކްޝަނާއި އޯޑިއޯ މިކްސް ފީޗާ ހިމެނެއެވެ.