އިބްރާހިމް ޒަކީ
ކުޑަކުދިންނަށް ހާއްސަ ފުލުހުންނާއި، ހާއްސަ ޕްރޮސިކިއުޓަރުން ގާއިމް ކުރަންޖެހޭ ގޮތަށް ހުށަހަަޅާފައިވާ ކުޑަކުދިންގެ އަދުލުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު ހުށަހެޅުއްވި މި ބިލުގައި ވާގޮތުން، ބިލުން ކަނޑައަޅާފައިވާ ކުޑަކުދިންގެ މައްސަލަތައް ބަލާނީ، ކުޑަކުދިންގެ ހާއްސަ ފުލުހުންނެވެ.
އެހެންކަމުން ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ތަހުގީގު ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި ގާއިމްކުރާ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރަން ހާއްސަ ކުރާ ޑީޕާޓްމެންޓަކުންނެވެ.
ބިލުގައި ކުޑަކުދިންނަށް ހާއްސަ ޕްރޮސެކިއުޓަރުން ކަނޑައަޅަން ޖެހޭނެކަމަށްވެސް ވަނީ ހިމަނައިފަ އެވެ. އެގޮތުން އެކަަމަށް ހާއްސަ ޔުނިޓެއް ޕީޖީ އޮފީހުގައި ގާއިމްކުރަންވާނެ ކަމަށް ބިލުުގައި ބުނެފައިވެ އެވެ.
މިބިލުގައި ބުނެފައިވާގޮތުން، އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުދިންނާއި، އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި ކުޑަކުދިންގެ ރެޒިޓެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމްކުރަންޖެހޭނެ އެވެ.
އަދި ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށް ޓަކައި މަސައްކަތްކޮށްދީ އެކުދިން ހެޔޮ ގޮތުގައި މުޖުތަމައަށް ރުޖޫއަ ކުރުމަށް އިސްދައުރެއް އަދާކުރާނެ އިދާރާއެއްގެ ގޮތުގައި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެއްދުމަށްވެސް ބިލުުގައި ވަނީ ހިމަނައިފަ އެވެ.
އަށްޑިހައަށްވުރެ ގިނަ ސަފްހާ ހިމެނޭ މި ބޮޑު ބިލުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކާބެހޭ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވައިލުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.