ލައިފް ސްޓައިލް

ކުޑަކުދީން ގިނަވަގުތު ޓީވީއާއި ސްކްރީން ބެލުމުގައި ހޭދަކުރުމުން ބަހުގެ ހުނަރު ދަށްވޭ: ދިރާސާ

ސްކްރީން ބޭނުންކުރާ ވަގުތު އިންތިހާއަށް އިތުރުވަމުންދާއިރު، ކުޑަކުދީން ސްކްރީން ބޭނުންކުރާ ނިސްބަތް ވެސް އިންތިހާއަށް އިތުރުވެފައިވާކަމުގެ ކަންބޮޑުވުން މުޅި ދުނިޔޭގައި ވެސް ވަނީ ބޮޑުވެފައެވެ.

ބިޒީ ދިރިއުޅުމުގެ ސަބަބުން މައިންބަފައިން އަވަދިނެތި އުޅޭން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ކުޑަކުދީން ކަމެއްގައި ޖާމިނުކޮށްފައި ބޭތިއްބުމަށް އެ ކުދީންގެ އަތަށް އިލެކްޓްރޯނިކް ވަސީލަތްތައް ދީފައި ބޭތިއްބުމަކީ ވަރަށް ގިނަ ބެލެނިވެރީން ކުރާ ކަމެކެވެ. މިކަމުގެ ސަބަބުން، ކުޑަކުދީން ގަވައިދުން ސްކްރީންތަކަށް ހޭނެމުންދެއެވެ. ކުޑަކުދީން ދިގު މުއްދަތެއް ވާންދެން ސްކްރީން ބެލުމުގައި ހޭދަކުރުމަކީ އެ ކުދީން ބަހަށް އަހުލުވެރި ވުމުގައި، ގެއްލުންތައް ކުރިމަތިކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.

ދިރާސާތައް ޝާއިއުކުރާ ސައިޓެއްކަމަށްވާ ޕީއެލްއޯއެސްގައި ހިމަނާފައިވާ ފަހުގެ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ކުޑަކުދީން ސްކްރީން ބޭނުންކުރާ ވަގުތު ދެނެގަނެފައިވަނީ އެ ކުދީންގެ މައިންބަފައިންގެ ސާވޭތަކަށް ބިނާކޮށެވެ. 12 މަހާއި 48 މަހާ ދެމެދުގެ ކުޑަކުދީން އެވްރެޖްކޮށް ދުވާލަކު އެއްގަޑިއިރު ސްކްރީންގައި ހޭދަކުރެއެވެ. އެންމެ އާންމުކޮށް ބަލާ ސްކްރީންތަކުގެ ތެރޭގައި ޓީވީ ހިމެނެއެވެ.

މި ދިރާސާއިން އެނގުނީ ގިނަ ވަގުތު ސްކްރީން ބޭނުންކުރާ ކުޑަކުދީންގެ ބަހުގެ ހުނަރު ބޮޑުތަނުން ދަށްކަމެވެ. މި ކުދީންނަށް ސާފުކޮށް، ރީތިކޮށް ވާހަކަދައްކަން ފެށުމަށް ގިނަ ވަގުތު ނަގައެވެ. އަދި އުނގެނެނީ މަދު ލަފުޒުތަކެކެވެ. މިކަން މިހެން ދިމާވަނީ ސްކްރީންތަކާ އެކު ކުޑަކުދީންނަށް ބަހުގެ ހުނަރުތައް ތަރައްގީކުރުމަށް މުހިންމު އިޖުތިމާއީ ގުޅުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭތީ ކަމަށް ދިރާސާގައި ބުނެއެވެ.

ދިރާސާ

މި ދިރާސާގެ ނަތީޖާތަކުން މައްސަލަ ފާހަގަކޮށްދިން ފަދައިން، ހައްލުވެސް ބުނެދީފައިވެއެވެ. ކުޑަކުދީންނަށް ފޮތް ކިޔައިދިނުމުން ނުވަތަ ސްކްރީން ބޭނުންކުރާއިރު ބޮޑެތި މީހުންނާއެކު ވަގުތު ހޭދަކުރުމުން، މިސާލަކަށް އުނގަންނައިދޭ ކޮންޓެންޓް އެކުގައި ބެލުމުން، އެ ކުދީންގެ ބަހުގެ ހުނަރުތައް ރަނގަޅަށް ތަރައްގީވެފައިވެއެވެ. މި ހަރަކާތްތަކުން ވާހަކަދެއްކުމާއި އުނގެނުމަށް ހިތްވަރުދެއެވެ. އަދި މިއީ ބަހުގެ ތަރައްގީއަށް އެހީތެރިވާ ކަންކަމެވެ.

ސްކްރީންތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މައިންބަފައިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މައިންބަފައިން ކުޑަކުދީންނަށް ފޮތް ކިޔައިދިނުމުން ނުވަތަ ސްކްރީން ބަލާއިރު އެ ކުދީންނާއެކު ތިބުމުން ބަހުގެ ހުނަރުތައް އިތުރުކުރުމަށް މަގުފަހިވެއެވެ. މި ގުޅުންތަކުން މާނަހުރި ވާހަކަދެއްކުމާއި އުނގެނުމުގެ ފުރުސަތުތައް ހުޅުވައިދެއެވެ.