ބިއުޓީ

ހޭލާގޮތަށް އައިސްފެނުން މޫނު ދޮވުން، ގެއްލުމާއި ފައިދާ

އިންޓަނެޓްގައި ހަމުގެ ފަރުވާއާ ގުޅޭ އެތައް ޓްރެންޑެއް ފެތުރެމުންދާއިރު، އޮޅުން އަރާގޮތްވުމަކީ އާންމު ކަމެކެވެ. މިފަދަ ޓްރެންޑްތަކުގެ ތެރެއިން ފަހަކަށްއައިސް މަގުބޫލުވެފައިވާ އެއް ކަމަކީ ހޭލުމާއެކު، މޫނު ފިނި ފެނުން ދޮންނަން ވާނެ ކަމަށް ބުނާ ވާހަކައެވެ. އިންޓަނެޓްގައި ބުނާގޮތުން މިކަމުން މޫނުގެ ދުޅަކަން ކުޑަކޮށް، ހަން ވާންކޮށްދީ، އަދި ހަމަށް ގުދުރަތީ އުޖާލާކަމެއް ގެނެސްދެއެވެ.

އުޖާލާ ސިގްނަސް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހަމުގެ ޑޮކްޓަރު، ޑރ. ސުބީ ކައްކަރު މިކަމާ ގުޅޭގޮތުން ބުނެފައިވާ ގޮތުގައި، މޫނު ފިނިފެނާ ބައްދަލުވާ ހިނދު، ހަމުގައިވާ ލޭހޮޅިތައް ކުޑަވެއެވެ. މިކަމުން ދުޅަކަން ކުޑަވެ، ހަމުގެ ލޯވަޅުތައް ކުޑަކޮށް ފެނި، އަދި ހަން ވާންކަމަށް ދައްކައެވެ. ހަން އަލުން ހޫނުވުމުން، ލޭ ދައުރުވުން އިތުރުވެ، މޫނު ތާޒާވެ އުޖާލާވެފައިވާކަމަށް ދައްކައެވެ. އެހެންވެ ގިނަ މީހުން މި ގޮތް ބޭނުންކުރަނީ ހެނދުނު ހަމަށް ސަމާލުކަން ގެނައުމަށާއި ލޮލުގެ ވަށައިގެން ހުންނަ ދުޅަކަން ކުޑަކުރުމަށެވެ.

ފައިދާތައް

ފިނި ފެނުން ހަމަށް އަވަސް ފައިދާތަކެއް ލިބެއެވެ. މިކަމުން ހާއްސަކޮށް ލޮލުގެ ވަށައިގެން ހުންނަ ދުޅަކަން ކުޑަވެ، ހަން އޮމާންވެ "ފާމް" ކަމަށް ދައްކައެވެ. ފިނިކަމުން ލޭ ދައުރުވުން ރަނގަޅު ވެ، މޫނަށް ތާޒާ، ދުޅަހެޔޮ އުޖާލާކަމެއް ގެނެސްދެއެވެ. ރަތްވެފައިވާ ނުވަތަ ފާރުވެފައިވާ ހަން ހަމަޖައްސައިދީ، އިތުރަށް ތާޒާވެފައިވާކަމަށް ވެސް ބައެއް މީހުނަށް އިހުސާސްކުރެވެއެވެ. ނަމަވެސް ފިނިފެނަކީ މޫނުގައި ނަގާ ބިހި ނުވަތަ ހަމުގެ އެހެން މައްސަލަތަކަށް ހައްލެއް ނޫން ކަމަށް ޑރ. ސުބީ ކައްކަރު ބުނިއެވެ.

މިކަމުން ގެއްލުމެއް ލިބިދާނެތަ؟

ހަމުގެ ޑޮކްޓަރު، އިތުރަށް ބުނިގޮތުގައި މި ފަރުވާއަކީ އެންމެނަށް ފައިދާކުރާނެ ކަމެއް ނޫނެވެ. ނާޒުކު ހަން ހުންނަ މީހުންނާއި، ރޯޒޭޝިއާ (ހަމުގެ ބައްޔެއް) ހުންނަ މީހުންނާއި، ވަރަށް ހިކި ހަމެއް ހުންނަ މީހުން މިކަމުގައި ފަރުވާތެރިވާން ވާނެއެވެ. އެއީ އެހާބޮޑަށް ފިނިވުމުން ހަން ފާރުވެ، ރަތްވެ، ނުވަތަ އިތުރަށް ހިކިދާނެތީ އެވެ. ގިނަގިނައިން ފިނި ފެން ބޭނުންކުރުމުން ހަމުގެ ގުދުރަތީ ތެތްކަން ނެތިދިއުމަށް މަގުފަހިވެ، ހިކި ހަމަކަށް ބަދަލުވެދާނެއެވެ. ސީދާ ހަމުގައި ގިނައިރު އައިސް ޖެއްސުމުން ހަމުގެ ރައްކާތެރި ފަށަލައަށްވެސް ގެއްލުން ލިބިދާނެއެވެ.

މިކަން ރަނގަޅަށް ކުރާނެގޮތް

މި ގޮތް ބޭނުންކުރަން ބޭނުންވާނަމަ، ހަމަށް ކުއްލި ޝޮކެއް ދިނުމުން ސަލާމަތްވުމަށް ޓަކައި ސީދާ އައިހުގެ ބަދަލުގައި ފިނިކޮށްފައިވާ ފެން ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ތަށްޓަކަށް ފިނިފެންފޮދެއް އެޅުމަށްފަހު ކޮންމެ ފަހަރަކު ފެނުގައި މޫނު ބާއްވާނީ 10 ނުވަތަ 15 ސިކުންތުއެވެ. ނުވަތަ ފިނި ފެނުން ދޮވެލާށެވެ. އެއަށްފަހު، ހަމުގެ ތެތްކަން ދެމެހެއްޓުމަށް ޓަކައި އަބަދުވެސް ރަނގަޅު މޮއިސްޗަރައިޒަރެއް ބޭނުންކުރުމަށް ޑޮކްޓަރު ލަފާދެއެވެ.