ފޮޓޯ ސްޓޯރީ

ވަން ފޮޓޯ ސްޓޯރީ: ރޯދަމަހު ހަވީރު އުސްފަސްގަނޑުގައި، އާއިލީ ލޯތްބަށް މުހިންމު ވަގުތުކޮޅެއް

ހަމްދާން އަހުމަދު ޝަރީފް

މާލެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ތޮއް ޖެހިފައިވާ އެއް ސިޓީއެވެ. މި މާހައުލުގައި އާއިލާއާ އެކު ހިތްހަމަޖައްސާލައި އުފާކޮށްލާން ނުކުންނާން އޮތީ މަދު ތަނެކެވެ. އެގޮތުން މާލޭގެ އުސްފަސްގަނޑު ސަރަަހައްދަކީ ރޯދަ ކުރުކޮށްލައި އާއިލާއެކު މާޖާ ކޮށްލަން ވަރަށް ގިނަ ބަޔަކު ގޮސްއުޅޭ ސަރަހައްދެކެވެ.

ކޮންމެ ރޯދަމަހެއްގެ ވެސް ހަވީރުގެ ވަގުތުގައި ގިނަ އާއިލާތަކެއް އެކި ކުޅިވަރުތައް ކުޅެ ހިތްހަމަޖައްސާލުމަށް އުސްފަސްގަނޑު ސަރަހައްދަށް އެއްވެއެވެ. މިގޮތުން "ގުޑި" ނުވަތަ "މަޑި" އެރުވުމަކީ ރޯދަމަހު ފާހަގަކޮށްލެވޭ އެއްކަމެވެ. އެއްބަޔަކު އަމިއްލައަށް "ގުޑި" ހަދައިގެން އަދި އަނެއްބަޔަކު ގަނެގެން މިސަރައްދަށް އެއްވެއެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގުން ދުއްވާލަން ނިކުމެ އުޅޭއިރު ފެންނަ އެންމެ ހިތްހަމަޖެހޭ އެއް މަންޒަރަކީ އުސްފަސްގަނޑު ސަރަހައްދު މަތީ "ގުޑި" ތަކުން ފުރިފައިވާ މަންޒަރަވެ. މިއީ ކޮންމެ ރޯދަމަހެއްގައި ވެސް ފެންނަ ހިތްގައިމު، އުފާވެރި މަންޒަރެކެވެ. ގުޑި އިރުއެރުމުގެ ހަރަކާތާ އެކު އާއިލާގެ ގިނަ މެންބަރުންތަކެއް އެކުގައި މި ތަނަށް ނުކުމެ އާއިލީ ލޯބި ހިއްސާ ކުރެއެވެ.

މި ސަރަހައްދުގައި ފާހަގަ ކޮއްލެވޭ އެންމެ މުހިންމު އެއްކަމަކީ "ގުޑި" ވިއްކަން ހުންނަކަމެވެ. ކުޑަކުދިންގެ ނަމުން ނަމަ "ގުޑިބޭބެ" ކޮންމެ ދުވަހެއްގެ ވެސް ހަވީރުގެ ވަގުތުގައި އުސްފަސްގަނޑު ސަރަހައްދަށް އައިސް "ގުޑި" ވިއްކުމުގައި ހަރަކާތްތެރިވެއެވެ.