އޭޝިއާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފްގައި ޔޫއޭއީ ބަލިކޮށް، އޮސްޓްރޭލިއާއިން ފުރުސަތު ދަމަހައްޓައިފިއެވެ.
ޔޫއޭއީގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު ކޮލިފިކޭޝަން މެޗު އޮސްޓްރޭލިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އޭޝިއާގެ ކޮލިފިކޭޝަން މެޗު ކާމިޔާބުކޮށް އޮސްޓްރޭލިއާއިން ފުރުސަތު ހޯދީ ބައްރުތަކުގެ އެންމެފަހު ކޮލިފިކޭޝަން ޖާގައިގެ އިންޓަ ކޮންޓިނެންޓަލް ޕްލޭ އޮފްގައި ކުޅުމަށެވެ. އެގޮތުން ވޯލްޑް ކަޕަށް ދާ ޓީމު ޔަގީންވާނީ އޮސްޓްރޭލިއާއިން ޕެރޫއާ ދެކޮޅަށް ކުޅޭ ޕްލޭ އޮފް މެޗުންނެވެ.
ރޭ ޔޫއޭއީއާ ދެކޮޅަށް އޮސްޓްރޭލިއާއިން ކުޅުނު މެޗުގައި ޖެކްސަން އިރްވީން ޖެހި ގޯލުން އެޓީމު ލީޑު ނެގިއެވެ. އެހެން ނަމަވެސް ޑިފެންސުން ހެދި ގޯސްތަކަކާއެކު ޔޫއޭއީން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖެހީ ބްރެޒިލަށް އުފަން ނަމަވެސް ޔޫއޭއީއަށް ކުޅޭ ސިއާ ސަނެޑޯއެވެ.
އޮސްޓްރޭލިއާ މޮޅުވި ގޯލު ޖެހީ އަޖްދިން ރުސްޓިކެވެ. ރޭގެ މެޗު ކުޅެފައި ވަނީ 33 ޑިގްރޭ ސެލްޝިއަސްގެ ހޫނު މިނުގައެވެ. ގަތަރަކީ ހޫނު ގަދަ ގައުމަކަށްވުމުން ވޯލްޑް ކަޕް ވަނީ ފިނި މޫސުމަށް ބަދަލުވެސް ކޮށްފައެވެ. އޭގެ އިތުރުން ގަތަރުގެ ވޯލްޑް ކަޕް ސިޓީގެ ހުރިހާ ސްޓޭޑިއަމެއް ތައްޔާރުކުރީ އޭސީ ކުރެވޭނެ ގޮތަކަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިހާރު ފުރިހަމަ ނުވެ އޮތީ އެންމެ ދެ ޖާގައެވެ. އެއީ އިންޓަ ކޮންޓިނެންޓަލް ޕްލޭ އޮފްގެ ދެ ޖާގައެވެ. އޮސްޓްރޭލިއާއިން ޕެރޫއާ ދެކޮޅަށް ނުކުންނާނީ އަންނަ ހޯމަ ދުވަހުއެވެ. އަދި އިންޓަ ކޮންޓިނެންޓަލް ޕްލޭ އޮފްގެ ފަހު މެޗުގައި އަންގާރަ ދުވަހު ކޮސްޓަ ރީކާ ނުކުންނާނީ ނިއުޒީލެންޑާ ދެކޮޅަށެވެ.