އޮސްޓްރޭލިއާއަށް މިދިޔަ ހޮނިހިރު ދުވަހު އެރި ތޫފާނުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކުގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު 36 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ގައުމުގެ އިމަޖެންސީ ސާވިސަސް އާއި ފުލުހުން ބުނެފައިވެއެވެ.
އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރިފަށް އަރާފައިވާ އެ ތޫފާންގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެ ހާލުގައި ޖެހިފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައިކްލޯން އަލްފްރެޑްގެ ނަންދީފައިވާ އެ ތޫފާނުގައި މިދިޔަ ހޮނިހިރު ދުވަހުން ފަށައިގެން ބޯކޮށް ވާރޭވެހި އޮސްޓްރޭލިއާގެ ދެކުނުގެ ސަރަހައްދުތައް ފެންބޮޑުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާއިރު މިހާރު އެ ތޫފާން ދަތުރުކުރަމުން ދަނީ އޮސްޓްރޭލިއާގެ ބްރިސްބަން ސިޓީ އާއި ދިމާލަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ބާރު ދަށްވެފައިވީނަމަވެސް ތޫފާނުގެ ނުރައްކާ ކުޑަ ނޫންކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.