މުޙައްމަދު ޝަމްޢޫން
އައިސީސީ ޗެމްޕިއަންސް ޓްރޮފީގެ ގްރޫޕް އޭގައި އިންޑިއާއިން ކުޅުނު ފަހު މެޗުގައި ރޭ ނިއު ޒީލެންޑް ވެސް ބަލިކޮށްފިއެވެ.
މިދިޔަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ގަދަ ހަތް ޓީމުގެ އިތުރުން ހޯސްޓް ގައުމުގެ ގޮތުގައި ޕާކިސްތާނުން ޗެމްޕިއަންސް ޓްރޮފީގައި ވާދަކުރަމުން އަންނަ އިރު، އިންޑިއާ ކުޅޭ ގްރޫޕް އޭގެ މެޗުތައް ހޯސްޓް ކުރަނީ ދުބާއީގައެވެ. ގްރޫޕް އޭގައި އިންޑިއާގެ އިތުރުން ނިއު ޒިލެންޑާއި ބަންގުލަދޭޝް އަދި ޕާކިސްތާން ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ދެކުނު އެފްރިކާގެ އިތުރުން އޮސްޓްރޭލިއާ، އިންގްލެންޑް އަދި އަފްގާނިސްތާނެވެ.
ގްރޫޕް އޭގައި އިންޑިއާއިން ކުޅުނު ފަހު މެޗުގައި ރޭ ނިއު ޒީލެންޑް ކައިރިން މޮޅުވީ 44 ލަނޑުންނެވެ. އެއާއެކު އިންޑިއާއިން ގްރޫޕް އޭގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެގެން ހަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ދެވަނައަކީ ރޭ އިންޑިއާ ކައިރިން ބަލިވި ނިއު ޒީލެންޑެވެ. އެޓީމުން ކުޅުނު ތިން މެޗުން ދެމެޗު ކާމިޔާބުކުރިއެވެ.
އަނެއް ގްރޫޕްގެ އެއްވަނައަކީ ދެކުނު އެފްރިކާއެވެ. އަދި ދެވަނައަކީ އޮސްޓްރޭލިއާ އެވެ.
ރޭ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮސް ދިމާވީ ނިއު ޒީލެންޑަށެވެ. އެޓީމުން ހޮވަން އަރައި 50 އޯވަރު އުކި އިރު، އިންޑިއާއިން ވަނީ ނުވަ ކުޅުންތެރީން ނުބައިވެގެން 249 ލަނޑު ހަދައިފައެވެ. އިންޑިއާއަށް އެންމެ ރަނގަޅަށް ބެޓް ކުރީ 79 ލަނޑު ހެދި ޝްރެޔާސް އިޔާ އެވެ. އޭގެ އިތުރުން ހާރްދިކް ޕަންޑްޔާ ވަނީ 45 ބޯޅައިން 45 ލަނޑު ހަދައިފައެވެ.
ނިއު ޒީލެންޑްގެ މެޓް ހެންރީ ފަސް ވިކެޓް ނެގި އިރު، ކުޅުމަށް އަރައި އެޓީމަށް އެންމެ ގިނަ ލަނޑު ހެދީ ކޭން ވިލިއަމްސް އެވެ. އޭނާ 81 ލަނޑު ހެދި ނަމަވެސް، އިންޑިއާގެ ސްޕިނާ ވަރުން ޗަކްރަވާތީ ވަނީ އުކުމުގައި ތަފާތު ދައްކައި 42 ލަނޑަށް ފަސް ވިކެޓް ނަގައިފައިވެއެވެ.
ނިއު ޒީލެންޑް ބަލިވީ 45.3 އޯވަރުގައި ހުރިހާ ކުޅުންތެރީން ނުބައިވި އިރު، 205 ލަނޑު ހެދިފައި އޮތުމުންނެވެ.
އިންޑިއާއިން ސެމީ ފައިނަލުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ހަތަރުވަނަ ދުވަހު ނުކުންނާނީ ޑުބާއީގައެވެ. އަނެއް ސެމީ ފައިނަލް އޭގެ އަނެއް ދުވަހު އޮންނަ އިރު، ޕާކިސްތާނުގެ ލާހޯރުގައި ނިއު ޒީލެންޑުން ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.