ލޮސް އެންޖެލެސް އޮލިމްޕިކްސް 2028 ގައި ޓީ20 ކްރިކެޓް ހިމެނުނު ނަމަވެސް، އެ މުބާރާތުގައި އިންޑިއާ ގައުމީ ޓީމު ތަމްސީލު ކުރަން ވިރާތު ކޯލީ ނިންމުން ބަދަލު ނުކުރާނެ ކަމަށް ބުނެފިއެވެ.
އިންޑިއާގެ ތާރީހު ދުށް އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ ކޯލީ ޓީ20 ގައުމީ ޓީމުން ރިޓަޔާކުރީ 2024 ވަނަ އަހަރު ވޯލްޑް ކަޕް ހޯދުމަށްފަހުއެވެ. ޓީ20 ފޯމެޓް ގައުމީ ޓީމަށް ހުއްޓާލި ނަމަވެސް، ކޯލީ އަދިވެސް ދަނީ އެ ފޯމެޓުގައި އައިޕީއެލްގައި ކުޅެމުންނެވެ.
އުމުރުން 36 އަހަރުގެ ކޯލީ، އައިޕީއެލް ފްރެންޗައިސް ރޯޔަލް ޗެލެންޖާސްގެ ފަރާތުން ބޭއްވި ހާއްސަ ސަމިޓެއްގައި ވާހަކަ ދައްކަމުން ބުނީ އޮލިމްޕިކްސްއަށް ކްރިކެޓް އެނބުރި އައުމަކީ އުފާކުރާ ކަމެއް ކަމަށާއި އެއީ ވަރަށް ގިނަ ކުޅުންތެރިންތަކަކަށް އާ ފުރުސަތެއް ކަމަށެވެ.
އެ ފުރުސަތުގައި ކޯލީ އެނބުރި ގައުމީ ޓީމަށް ނުކުންނާނެތޯ އެހުމުން ޖޯކަކަށް އޭނާ ބުނީ، މުޅި މުބާރާތް ކުޅެން ނުނުކުންނާނެ ކަމަށާއި ނުކުތަސް ނުކުންނާނީ ގޯލްޑް މެޑަލް މެޗާ ހަމައަށް ދިޔުމުން މެޑަލް އަޅުވާލަން ކަމަށެވެ.
ކުރިއަށް އޮތް އޮލިމްޕިކްސްގައި ކްރިކެޓް ހިމަނާފައިވާ އިރު، އެއީ 1900 ވަނަ އަހަރަށްފަހު އޮލިމްޕިކްސްގައި ކްރިކެޓް ހިމެނޭނެ ފުރަތަމަ ފަހަރެވެ.
މިވަގުތު ދުނިޔޭގެ ކްރިކެޓުގައި އިންޑިއާ ތަފާތު ފޯމެއްގައި އޮތް އިރު، ދާދިފަހުން ކޯލީއާ އެކު އެޓީމުން ވަނީ 50 އޯވަރު ފޯމެޓަށް ކުޅުނު ޗެމްޕިއަންސް ޓްރޮފީ ވެސް ކާމިޔާބު ކޮށްފައެވެ. ކޯލީ ވަނީ ޓީ20 ފޯމެޓްގައި އިންޑިއާއަށް 125 މެޗު ކުޅެދީ، 4،188 ލަނޑު ހަދައިދީފައެވެ.