ރ. ތިމަރަފުށި

ފުޓްސަލްގެ ގިނަ ތަރިންތަކެއް ނިސްބަތްވާ ތިމަރަފުށީގައި ދަނޑެއް އަޅަނީ

ރާއްޖޭގެ ފުޓްސަލްގައި އެންމެ ކާމިޔާބު ރަށް، ތ. ތިމަރަފުށީގައި ފުޓްސަލް ދަނޑެއް އެޅުމަށް ހުޅުވާލަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ތިމަރަފުށީ ފުޓްސަލް ދަނޑު ތަރައްގީކުރުމަށް އިއުލާނުކުރުމަށް ފަހު ހުށަހަޅާ ބިޑުތައް އިވެލުއޭޓުކުރުމަށް ފަހު، މިނިސްޓްރީއަށް ފޮނުވުމަށް އެރަށުގެ ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ތިމަރަފުއްޓަކީ ރާއްޖޭގެ އެންމެ ގިނަ ފުޓްސަލް ކުޅުންތެރިން ނިސްބަތްވާ އެއް ރަށެވެ. އެރަށުން ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގައިވެސް ކާމިޔާބީތައް ހޯދާފައިވެއެވެ. ތަރިން އުފެދުމުން އަންނަ ތިމަރަފުއްޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް ނެތުމެވެ. 2018 ވަނަ އަހަރު އެފްއޭއެމުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމުގެ އިތުރުން މުޅި ރާއްޖޭގެ އެއްވަނަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުވެސް ތިންފަހަރު ހޯދައިފައިވާ ތިމަރަފުށީގައި ރަނގަޅު ފެންވަރުގެ ދަނޑެއް ނެތުން އެއީ ތާ އަބަދު އެރަށުން ކުރަމުން އައި ޝަކުވާއެކެވެ. ދަނޑެއްގެ އުންމީދު ދެފަހަރަކަށް ލިބި، އެ އުންމީދުތައް އެކިއެކި ގޮތް ގޮތުން ލަސްވުން އެއީ އެރަށު އެތައް ޒުވާނުންގެ ކަންބޮޑުވުމެކެވެ.

މިވަގުތު ފުޓްސަލް ކުޅުމަށް ރަށުގައި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިވާ މެޓް ދަނޑެކެވެ. އަދި ބޮޑު ފުޓުބޯޅައަށް ތައްޔާރުކުރަމުންދާ ދަނޑުވެސް އޮތީ އެއްކޮށް ފުރިހަމަ ނުކުރެވިއެވެ.