ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ތ. ތިމަރަފުށިން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފައިނަލްތައް މިރޭ ފަށާފައިވާ އިރު، ޒޯން ހައެއްގެ ފައިނަލުގައި ތިމަރަފުށިން ގަން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ 2022 ވަނަ އަހަރަށްފަހު ތިމަރަފުށިން ޒޯން ތަށި ހޯދި ފުރަތަމަ ފަހަރެވެ. އެޓީމުން ވަނީ މީގެ ކުރިން 2016، 2017، 2018، 2019 އަދި 2022 ވަނަ އަހަރު ޒޯން ޗެމްޕިއަންކަން ނަގައިފައެވެ.
ތިމަރަފުށިން މިރޭގެ ފައިނަލަށް ނުކުތީ ޒޯން ބުރުގެ ލީގު ބުރުގައި ގަން އަތުން ބަލިވެފައި އޮވެ، އޭގެ ބަދަލު ހިފުމަށެވެ. އެ ޓާގެޓާއެކު މެޗު ފެށި ތިމަރަފުށިން ވަނީ ފުރަތަމަ ހާފުގައިވެސް ޑޮމިނޭޓްކޮށް ކުޅެފައެވެ. އާދަމް ނާސިހު (އާދަންނާ) އާއި އަހުމަދު އަފްލާޒްގެ ހަމަލާތައް ފާހަގަކުރެވުނު އިރު، ތިމަރަފުށިން ގޯލުތައް ޖެހީ ދެވަނަ ހާފުގައެވެ.
ތިމަރަފުށީގެ ގޯލުތައް ޖެހީ އިބްރާހީމް އަސްވަދު (ގަބޭ) އާއި އަފްލާޒްގެ އިތުރުން އާދަންނާ އަދި އިސްމާއީލް މުނީޒް (ޓްރީ) އެވެ.
ޒޯން ހައެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ތިމަރަފުށީގެ އާދަންނާއެވެ. އެ ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އިސްދޫގެ ހުސައިން އަފްހާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، މިހާރު ވަނީ ގަދަ 16 ޓީމު ޔަގީންވެފައެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.