ގޯލްޑަން ފުޓްސަލް ޗެލެންޖް

ވަރުގަދަ ތިމަރަފުށި ކަޓުވާލައި ކާށިދޫ ކުއާޓާއަށް، އަނެއްކޮޅުން ނުކުންނާނީ ވިލިމާލެ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލް ފަހު ޖާގަތައް ކ. ކާށިދޫއާއި ވިލިމާލެއިން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ގެ ހުރިހާ މެޗެއް ރޭ ރެހެންދި ދަނޑުތަކުގައި ކުރިއަށް ގޮސްފައިވާ އިރު، އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާއަކީ ކާށިދޫން ތ. ތިމަރަފުށި ބަލިކުރުމެވެ.

މިފަހަރު އަތޮޅު ބުރުގައި ކ. ގާފަރުވެސް ކަޓުވާލި ކާށިދޫން ރޭ ތިމަރަފުށި ބަލިކުރީ ޕެނަލްޓީގައެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން މެޗު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ކާށިދޫން މުބާރާތުގެ ތިންފަހަރު ޗެމްޕިއަން ތިމަރަފުށި ކަޓުވާލީ 6-5 ގެނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖެހީ ތިމަރަފުށިންނެވެ. އެއީ ކާށިދޫގެ އަކްމަލް މުހައްމަދު (އަކޫބެ) އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެ އިރުކޮޅެއްފަހުން އަބްދުﷲ ސުޒައިރު ޖެހި ގޯލެއްގެ އިތުރުން ތިމަރަފުށީ ކީޕަރު މުހައްމަދު ސަރުހާން ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލަކާއެކު ކާށިދޫން މެޗު އަނބުރާލިއެވެ.

ކާށިދޫން ލީޑުގައި އޮންނަންވެސް ތިމަރަފުށިން މާގިނަ ވަގުތެއް ނުދެއެވެ. އާދަމް ނާސިހު (އާދަންނާ) ގޯލު ޖަހައި މެޗު އެއްވަރުކުރިއެވެ.

ޕެނަލްޓީގައި ތަރިއަކީ ކާށިދޫގެ ކީޕަރު މުހައްމަދު ސަލީލެވެ. އޭނާ ތިމަރަފުށީގެ ދެ ޕެނަލްޓީ ހުއްޓުވި އިރު، ތިމަރަފުށިން ޕެނަލްޓީއަށް ނެރުނީ ޒުވާން ކީޕަރު ހަނާދު މުހައްމަދެވެ.

ތިމަރަފުށިން ތިން ޕެނަލްޓީ ކާމިޔާބުކުރި އިރު، ކާށިދޫން ވަނީ ހަތަރު ޕެނަލްޓީ ވައްދާލައިފައެވެ.

މިއީ ކާށިދޫން ކުއާޓާއަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ތިމަރަފުށިން 2022 ވަނަ އަހަރަށްފަހު ގޯލްޑަންގެ ތަށްޓަކަށް ކުރަމުންދާ އިންތިޒާރު ވަނީ އަނެއްކާވެސް ދިގުލައިގެން ގޮސްފައެވެ.

މިދިޔަ އަހަރު ސެމީ ފައިނަލުގައި ކުޅުނު ވިލިމާލެއިން ކުއާޓާ ޔަގީންކުރީ ރ. ދުވާފަރު ކައިރިން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މިދިޔަ އަހަރު ކުއާޓާގައިވެސް ވާދަކުރީ ވިލިމާލެއާއި ދުވާފަރުގެ ކުރިމަތިލުން ވާދަވެރިވާނެ ކަމަށް ކުރިން ބެލެވިފައި އޮތް އިރު، މެޗުގެ ފުރަތަމަ ހާފުގައިވެސް ވިލިމާލެއިން މާ ބޮޑަށްވެސް މެޗު ޑޮމިނޭޓް ކުރިއެވެ.

ރޭގެ މެޗުގައި އެޓީމުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)އަށް އަނިޔާވެ، ކޮންމެވެސް ވަރެއްގެ މާޔޫސްކަމަކާ ކުރިމަތިވި ނަމަވެސް، އަބްދުﷲ ޝައްފާން (ޝާކާ) ވަނީ ކުޅެން ނުކުމެ. ތަފާތު ދައްކައިފައެވެ. ޝާކާ މެޗުގައި ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އިސްމާއީލް ވަޖީހު (ވައްޖެ) އެވެ.

ދުވާފަރުން ފަހުވަގުތު ހިތްވަރުކޮށް ދެ ގޯލު ޖެހި ނަމަވެސް، އެޓީމަށް ސްކޯ އަތުވާ ގޮތެއް ނުވިއެވެ. ދުވާފަރުގެ ގޯލުތައް ޖެހީ މުހައްމަދު އިސާމް (ޝަންޓެ) އާއި މުހައްމަދު ޖުމާން އަހުމަދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންގާރަ ދުވަހުގެ ރޭގައެވެ. ގަމާއި އޭދަފުށި ވާދަކުރާ މެޗު އޮންނާނީ 8:00 ގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް"އިން ދަނީ މުބާރާތުގެ ހާއްސަ ކަވަރޭޖެއް ކުރިއަށް ގެންދަމުންނެވެ.