ގޯލްޑަން ފުޓްސަލް ޗެލެންޖް

"ތިމަރަފުއްޓަށް އަދި މުބާރާތް މިފެށުނީ، ސަޕޯޓަރުންނާއެކު ހަތަރަކަށް އުންމީދު ބޮޑު"

ތ. ތިމަރަފުއްޓަށް އަދި ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުނީ ކަމަށާއި، ގަދަ 16 އިން ކުރިއަށް ގޮސް، މުބާރާތުގެ ތަށި ނެގޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ނާސިހު (އާދަންނާ) ބުނެފިއެވެ.

ޒޯން ތަށްޓާއެކު އާދަންނާއަށް ޒޯންގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިވާ އިރު، އޭނާ ބުނީ މިއީ ތިމަރަފުއްޓަށް މުބާރާތް ފެށޭ ހިސާބު ކަމަށެވެ.

"އަލްހަމްދު ﷲ ފުރަތަމަ ކަމަކަށް. މިއީ ދެ އަހަރަކަށްފަހު ކަންނޭނގެ ޒޯން ތިމަރަފުއްޓަށް މި ލިބުނީ. އެހެންވީމަ ވަރަށް މަސައްކަތާއެކު މެޗަށް ނުކުތީވެސް. އަދި މިހާ ހިސާބުން ތިމަރަފުއްޓަށް މުބާރާތް މި ފެށުނީ. ގަދަ 16 އާ ހިސާބުން ދެން ކުރިއަށްދާން ވިސްނާނީ. ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ އަސްލު އެހިސާބަށް ތަށްޓާއެކު ދެވުނީމަ. ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ،" އާދަންނާ ބުންޏެވެ.

ތިމަރަފުށިން މިހާތަނަށް އައިއިރު، އަތޮޅު ތަށްޓާއި ޒޯން ތަށިވެސް ހޯދާފައިވާ އިރު، އެޓީމުން މިފަހަރު ނުކުތީ ހަތަރުވަނަ ފަހަރު މުބާރާތް ކާމިޔާބުކުރުމުގެ އަޒުމަކާއެކު "ހަތަރަކަށެވެ." އެއީ ހަތަރުވަނަ ތަރިއަކަށެވެ. މީގެ ކުރިން ތިމަރަފުށިން ވަނީ 2016 2019 ގެ އިތުރުން 2022 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކޮށްފައެވެ.

އާދަންނާގެ ނަޒަރުގައި ޓީމު އެކަން ހާސިލުކުރުމަށް ނުކުތީވެސް ސަޕޯޓަރުންގެ ބޮޑު އެއްބާރުލުމަކާއެކުގައެވެ. އަދިވެސް ޓީމަށް ބޭނުންވަނީ އެ ސަޕޯޓަރުންގެ ހިތްވަރު ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑުމެން ނުކުތީވެސް ސަޕޯޓަރުންގެ ބޮޑު އެއްބާރުލުމަކާއެކު. އެ ސަޕޯޓަރުންނާއެކު މިކަން ކުރަން މަސައްކަތް މިކުރަނީ. އެހެންވީމަ އަދިވެސް ހަމަ މިއަށްވުރެވެސް ބޮޑަށް ސަޕޯޓު ކުރަމުން ދާންވީ. ދެން އިތުރު ޕްރެކްޓިސްތަކާއެކު ޓީމު އެއްކޮށް އެކަމަށް މަސައްކަތް ކުރާނެ،" އާދަންނާ ބުންޏެވެ.

ތިމަރަފުށިން ގަދަ 16 ގައި ނުކުންނާނީ ކ. ކާށިދުއާ ދެކޮޅަށެވެ. އެ މެޗުވެސް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.