އިބްރާހިމް ޒަކީ
ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަ ކުރައްވާ، އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އަންހެނުންގެ ރޫހުގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ތާއީދު ކުރާ ފަރާތްތަކަށް ފުރައްސާރަކޮށް، އޭގެ ތެރެއިން އަންހެނުންނަކީ ތުންފިހި ކަމަށް ސިފަކުރަމުންދާ ކަމަށް ރޮޒެއިނާ ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން، ބައެއްމީހުން ސަރުކާރު ވަޒީފާތަކުން ވަކި ކުރާ ކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވި މެންބަރުންނަށް ރައްދު ދެއްވަމުންނެވެ.
އެމްޑީޕީތެރެ ދެކަފިވެފައިވާއިރު، ފައްޔާޒާއި ރޮޒެއިނާ ހިމެނިވަޑައިގަންނަވަނީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ބައިއަތުހިފާފައިވާ ދެ ބޭފުޅުންގެ ގޮތުގައެވެ. ދެން ހިމެނިވަޑައިގަންނަވަނީ، ފައްޔާޒާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ފަޅިއެވެ. އޭނާއަށް ތާއީދު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ތިއްބަވާ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެންބަރުންގެ ތެެރެއިން އިންތިއަށް ތާއީދު ކުރައްވާ މެންބަރުން ވަނީ، ރައީސުލްޖުމްހޫރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ރޮޒެއިނާގެ އިތުރުން، އެ އިންތިހާބުގައި އެފަރާތްތަކަށް ތާއީދުކުރާ މެންބަރުންނަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެ މެންބަރުންނަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ، ޕާޓީގެ އެތެރެގޭ އިންތިހާބެއް މިއަދު ހިނގަމުންދާއިރު، ޕާޓީއަށް އެތައް ގުރުބާނީއެއް ވެފައިތިބި، މީހުންނަކީ މެއްސަށް ކުކުޅަށް ހެދުމަކީ ރަނގަޅުކަމެއްނޫން ކަމަށެވެ. އެމްޑީޕީ އެކުވެރިކުރާ ވާހަކަ ދައްކާއިރު، ކޮންމެ ދުވަހަކު ހެނދުނު ޕާޓީގެ އަގުވައްޓާލައި ޕާޓީގެ މެންބަރުންގެ އަގުވައްޓާލަން މަޖިލިސް ތަޅުމުގައި ކުރާ މަސައްކަތް ކުށްވެރިކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ، ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަ ކުރައްވާ ފައްޔާޒާއި، އޭނާއަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންނަށް ނިސްބަތް ކުރައްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ބޮނޑޭވަނީ، ފައްޔާޒަކީ ހަކުރުގަނޑެއްގެ ގޮތުގައި، އަދި އޭނާއަށް ތާއީދު ކުރާ ފަރާތްތަކަކީ މެހިތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ހީވަނީ ހަކުރުގަނޑެއް ވަށައިގެން މެހިތަކެއް އެނބުރޭހެން ކަމަށެވެ.
އެމްޑީޕީ ވެރިކަމަށް އައީ ވަކިބަޔަކު ކުރި މަސައްކަތުންކަމަށް، އެބޭފުޅުންގެ ނަން ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ މިއަދު ދެއްކެވި ވާހަކަތަކަށްވެސް ރޮޒެއިނާ ރައްދު ދެއްވިއެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ދެއްކެވި ވާހަކައިގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނަން ފާހަގަ ކުރައްވައި އީވާ ވިދާޅުވި، އެބޭފުޅުންނަަށްވުރެ އިހުލާސްތެރި ބަޔަކު މި ސަރުކާރަށް ނުލިބޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އިންތިމެން ކުރެއްވި މަސައްކަތުން ކަމަށްވެސް އީވާ ވިދާޅުވިއެވެ.
"އަޅުގަނޑަށްވުރެން އިމްތިޔާޒު ފަހުމީއަކަށްވުރެން ހަސަން ލަތީފަކަށްވުރެން، އުނގޫފާރުގެ މުހައްމަދު ވަހީދަކަށްވުރެން، އިހުލާސްތެރި މީހުންނެއް މި ސަރުކާރަކަށް ނުލިބޭނެ،" އިންތިއަށް ތާއީދު ކުރައްވާ މެންބަރުންގެ ނަން ފާހަގަ ކުރައްވައި އީވާ ވިދާޅުވިއެވެ.
އީވާއަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ، މިސާރުކާރު ވެރިކަމަށް އައީ، ޕާޓީގެ ހުރިހާ މެންބަރުންނާއި، އެހެން ޕާޓީތަކުގެ މެންބަރުން ކުރި ވަރަށްބުރަ މަސައްކަތުން ކަމަށެވެ. އަދި އެއީ ހަމައެކަނި ވަކި ބަޔަކު ކުރިކަމަކުން ލިބުނު ކާމިޔާބެއްކަމަށް ވިދާޅުވުމަކީ، ދެން ތިބި ހުރިހާ މެންބަރުންނަށް ކުރާ ވަރަށްބޮޑު ބޭއިންސާފެއް ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
"ނައިބު ރައީސް ވެސް ވާހަކަ ދައްކަވަމުން ވިދާޅުވި މިހިރަ އިމްތިޔާޒު ފަހުމީއާއި މިހިރަ ވަހީދު އާއި މިހިރަ މިވެނި މީހަކާއި އެވެނި މީހަކާ ކުރި މަސައްކަތުންނޭ މި ޕާޓީ ސަރުކާރަށް އައީ، ނޫން މި ޕާޓީ ސަރުކާރަށް އައީ މި ޕާޓީގެ ހުރިހާ މެންބަރުން އަދި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ކުރި ވަރަށް ބުރަ މަސައްކަތުން، އަޅުގަނޑު ވަރަށް ހިތާމަކުރަން އެނަންތައް މިމަޖިލީހުގެ ތެރޭގައި ކިޔައިލިއިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހުގެ ނަމެއް ވިދާޅެއްނުވޭ، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަޒީރުގެ ވާހަކައެއް ވިދާޅެއްނުވޭ، ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރުގެ ނަމެއް ވިދާޅެއްނުވޭ، ގަމު ދާއިރާގެ ކުރީގެ މެންބަރު އަދި (މިހާރުގެ އިކޮނޮމިކު މިނިސްޓަރު) ފައްޔާޒު އިސްމާއިލް ކުރެއްވި މަސައްކަތުގެ ވާހަކައެއް ވިދާޅެއް ނުވޭ، އެކަމަކު ހަގީގަތަކީ އެބޭފުުޅުންވެސް އަދި އޭރު މިތާތިއްބެވި ހުރިހާ ބޭފުޅުންވެސް ހަމަ އެއްވަރަކަށް އެއްވާނެއްގައި މަސައްކަތް ކުރަމުން ދިޔައީ،"
ފައްޔާޒަށާއި، ރޮޒެއިނާއަށް ތާއީދު ކުރާ ފަރާތްތަކަށް ފުރައްސާރަ ކުރަމުންދާކަން ފާހަގަ ކުރައްވައި، ރޮޒެއިނާ އިތުރަށް ވިދާޅުވީ އިންތިހާބާ ދިމާކޮށް، މީހުންގެ އަބުރު ކަތިލައި މީހުންނަށް ކޮރަޕްޝަނަށް ގޮވައި މީހުންނަށް ވަގަށް ގޮވަމުންދާ ކަމަށެވެ.
"ފޭދޫގެ އައިޝަތު ވަހީދު/ ރިޔާސް، މަރިޔަމް އާގިސާ / މަދްރަސާ ދޮށުގެ، އައިޝަތު އަމީލާ / ލަކްސްކްލީން އަކީ އަޅުގަނޑުމެންނާ ހަމަ އެއްވަރަކަށް މި ޕާޓީގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަންވެގެން މަސައްކަތްކުރި މީހުން މިއަދު އެމީހުންނާ ދިމާލަށް ތުންފުއްސޭ ގޮވަމުން ގެންދަވަނީ، އަންހެނުންނާ ދިމާލަށް ތުންފުއްސޭކިޔައިފައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރާތީ ގޮވާ ގޮވުން އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން، ނުޖެހޭނެ މިގޮތަށް ފުރައްސާރަ ކުރާކަށެއް، ވަކި މީހަކަށް ތާއީދު ކުރާތީ އެމީހުނަށް މެއްސަށް މާބުރަށް ކުޅަނދުރަށް ކުކުޅަކަށް ގޮވާކަށެއް ނުޖެހޭ،"
އެކަންކަމަކީ ޕާޓީގައި ހިނގައިގެންވާނެ ކަންތައްތައް ނޫން ކަމަށާއި، ހާއްސަކޮށް މަޖިލިސް ތެރޭގައި އެކަންތައްތައް ކުރުމަކީ ޕާޓީ އެކުވެރިކުރަން ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއީތޯ ތިލަފަތުން މިދައްކާ ރަމްޒަކީ، އަބުރުކަރިލުންތޯ، ހެރެސްމެންޓްތޯ، ބުލީކުރުންތޯ، އެއީތޯ ތިލަފަތުގެ ރަމްޒަކީ، އަޅުގަނޑު ހަމަ ހިތާމަކުރަން،"