ޚަބަރު

ކުރިއަށް އޮތް ތަނުގައި މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް: ރޮޒައިނާ

އިބްރާހިމް ޒަކީ

ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި ފަހު ވާހަކަކޮޅު ދެއްވުމަށްޓަކައި މެންބަރުންނަށް ދެއްވި ފުރުސަތުގެ ތެރެއިން ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގެ ދައުރު ނިންމަވާލައްވަނީ ތިން ދައުރު ޖުމުލަ 15 އަހަރު މަޖިލިސް މެންބަރެއްގެ ގޮތުގައި ހިދުމަތް ކޮށްދެއްވުމަށްފަހުގައި ކަމަށާއި އެ ފުރުސަތު ދެއްވިކަމަށްޓަކައި މަޖިލީހުގައި ތަމުސީލު ކޮށްދެއްވި ތުލުސްދޫ ދާއިރާއާއި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ އެބޭފުޅުން ހަވާލުކުރެއްވި މަސައްކަތް އަމާނާތްތެރިކަމާއެކު 15 އަހަރު ދުވަހު ކުރެވިއްޖެ ކަމަށް، އަޅުގަނޑުގެ ގޮނޑި ނީލަމުގައި އިން އެންމެ ދުވަހެއްވެސް ނުދާނެ 15 އަހަރު ދުވަސް ނިންމާފައި އަޅުގަނޑު މިތަނުން މިދަނީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއެކީގައި. އެއީ އަޅުގަނޑުގެ ޕާޓީގެ ތެރޭގެ ވޯޓެއްވެސް، މަޖިލިސް ގޮނޑީގައި އިނދެގެންލީ ވޯޓެއްވެސް އަދި އަޅުގަނޑުގެ ގައުމީ ފެންވަރުގެ އިންތިހާބެއްގައި ލީ ވޯޓެއްވެސް ފައިސާއަށް ދޫކޮށްލާފައެއް ނޯންނާނެ މި ހިތްހަމަޖެހުމާއެކީ ވަކިވެގެން މި ދަނީ،" ރޮޒައިނާ ވިދާޅުވިއެވެ.

މަޖިލިސް ތަޅުމުގެ އިތުރުން 19 ވަނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ވެސް ރޮޒެއިނާ ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.

ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާއި ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ބިލާއި ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ސިވިލް ސާވިސް މުވައްޒަފުންގެ ހިދުމަތް 60 އަހަރާ ހަމައަށް ގެންދެވޭނެ ގޮތް ހެދުމާއި ކުޑަކުދިންނަށް ދޭ ހަރަދު އިތުރުކުރުމަށް ކުރި މަސައްކަތްތަކަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ މަސައްކަތްތަކެއް ކަމަށެވެ.