އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހެޅި ބިލެއް މަޖިލީހަށް ބަލައިގަނެފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
މި ބިލު ހުށަހެޅުއްވި މައިގަނޑު ބޭނުމެއްގެ ގޮތުގައި ރޮޒައިނާ ވިދާޅުވެފައިވަނީ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުތަކުގައި އަންހެނުންގެ ބަސް ހިމެނުމެވެ.
އަދި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާލަދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިޜާސާކުރުމަށް މަޖިލިސް ރައީސް ވަނީ އެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.