ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅުމުން އެކަމުގައި އެންމެ ބޮޑު އިބުރަތެއް ހާސިލްކުރައްވަން ޖެހޭނެ އެއް ފަރާތަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި ރައީސް ޔާމީން ހާސިލްކުރެއްވި އިބުރަތަކީ އަނިޔާވެރިކަމަށް ދުވަހަކު ވެސް ނަސްރެއް ނުލިބޭނެކަން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފައެވެ.
"މިކަމުގައި އެންމެ ބޮޑު އިބުރަތެއް ހާސިލްކުރަންޖެހޭނެ އެއް ފަރާތަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީން. މީގެން ރައީސް ޔާމީން ހާސިލްކުރެއްވި އިބުރަތަކީ އަނިޔާވެރިކަމުން ދުވަހަކު ވެސް ނަސްރެއް ނުލިބޭނެކަން. ހައްގަށް ނަސްރު ލިބިގެންދާނެކަން،" ހުކުމަށްފަހު އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ދައުލަތުގެ ތެރެއިން ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް މައްޗަށް ގޮސް، މަޖިލީހުގެ ތެރެއިން ޣައިރު ގާނޫނީ އެތައް ކަމެއް ހިނގަން ފެށީމަ އެކަމާ ދެކޮޅަށް ތެދުވި އެންމެންނަށް އެތަކެއް އަނިޔާތަކެއް ދިނުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތަކީ ރައީސް ޔާމީން ކަމަށެވެ.
"އަޅުގަނޑުމެންނާ އެކީގައި އެ މަސައްކަތުގައި ތެދުވި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއްދީ، އެތައް ބަޔަކު ޖަލަށްލައި، އެތައް ބައެއްގެ ހައްގުތައް ނުހައްގުން ފޭރިގަނެ، މިކަންކަމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތަކީ ރައީސް ޔާމީން،" އޭނާ ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ މި ހިނގާ ކަންކަމުން ވެސް އިބުރަތް ހާސިލްކޮށް ހަޔާތުގައި ބާކީ އޮތްތަނުގައި ތިމާއަކީ އަނެކުންނަށް އަނިޔާވެރިނުވާ މީހަކަށް ވެވަޑައިގަތުމަށް ރައީސް ޔާމީނަށް ގޮވާލާ ކަމަށާއި އެނޫން ގޮތެއް ނެތް ކަމަށެވެ. އަދި އަނިޔާވެރިންނަށް ދުވަހަކު ވެސް ކާމިޔާބެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.