ލިވިން އެކްސްޕޯ 2019

ލިވިން އެކްސްޕޯ : މިއަހަރަކީ އެންމެ ކާމިޔާބު އެއް އަހަރު، ރިކޯޑް އަދަދަކަށް މީހުން ޒިޔާރާތްކުރި!

އަހުމަދު ޖައިޝަން

މިއަހަރުގެ ލިވިން އެކްސްޕޯ އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ލިވިން އެކްސްޕޯ ކަމަށް އެ އިވެންޓް އިންތިޒާމުކުރާ ހައިރައިޒް އިން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯ 2019ގައި "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ މިއަހަރުގެ ލިވިން އެކްސްޕޯ އަށް ވަނީ ރިކޯޑް އަދަދަކަށް މީހުން ޒިޔާރާތްކޮށްފައި ކަމަށެވެ.

އަދި އެކްސްޕޯގައި އެގްޒިބިޓާސްގެ ފަރާތުން ކޮންމެ ދުވަހަކު ފީޑްބެކް ނަގާ ކަމަށާއި އެފަރާތްތަކުގެ ފީޑްބެކް ރަނގަޅު ކަމަށް ޝާމިން ވިދާޅުވިއެވެ.

"ހުރިހާ އެގްޒިބިޓާސްވެސް ވަރަށް ހިތްހަމަޖެހިގެން ތިބީ. އެއީ މިތަނަށް ޒިޔާރާތްކުރާ ބޭފުޅުންނަކީ މި ބޭފުޅުން ދެއްވާ ސާވިސްތަކަށް އިންޓްރެސްޓް ހުރެގެން އެކަންތައްތަކަށް އެތަންތަނަކަށް ޒިޔާރަތްކުރާ ބޭފުޅުންނަށް ވާތީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލިވިން އެކްސްޕޯ ފަރުމާކުރެވިފައިވަނީވެސް އާންމުންގެ އެތައް ބަޔަކު ބޭނުންވެފައިވާ ހިދުމަތަކާ ގުޅިގެން ކަމަށެވެ. އެއީ ރާއްޖޭގެ ހުރި އެޕާޓްމެންޓާއި ރިއަލްއެސްޓޭޓް ފަރާތްތަކުގެ މައުލޫމާތެވެ.

މިއަހަރުގެ ލިވިން އެކްސްޕޯއަކީ ވަރަށް ބޮޑުކޮށް ކުރިއަށް ގެންދާ އިވެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ދެތިން އަހަރެއްގައި އެކްސްޕޯ ކުރިއަށް ގެންދާން ޖެހިފައިވަނީ އާޓް ގެލެރީގައި. އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެގްޒިބިޓާސް ލިމިޓް ކުރަން ޖެހުން. އެހެން ވީމަ ބޭނުންވާ ފެންވަރުގައި ބޭނުންވާ އަދަދަށް ބައިވެރި ކުރެވިފައެއްނެތް،" ޝާމިން ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ބާއްވާ އެކްސްޕޯވެސް ކާމިޔާބު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝާމިން ފާހަގަކުރެއްވިއެވެ.