ޚަބަރު

ބައިނަލްއަގުވާމީ ފެންވަރުގެ އިންތިޒާމު އެކްސްޕޯއިން ފެނިގެން ދިޔަ: އަލީ ވަހީދު

އަހުމަދު ޖައިޝަން

މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯ 2019އިން ފެނިގެން ދިޔައީ ބައިނަލްއަގުވާމީ ފެންވަރުގެ އިންތިޒާމު ކަމަށާއި އެކަމާ ވަރަށް އުފާ ކުރައްވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދު ވަނީ މިއަދު ލިވިން އެކްސްޕޯ 2019 އަށް ވަޑައިގެން އެގްޒިބިޓަރުންގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

ސްޓޯލްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ޑައިވާސިފައި ކުރާ ހިނދެއްގައި މިފަދަ އެކްސްޕޯއަކީ ވަރަށް ރަނގަޅު އެކްސްޕޯއެއް ކަމަށެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވާ އެ އެކްސްޕޯއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެފަދަ އެކްސްޕޯތަކުގައި ބައިވެރިވާ ބޭރުގެ ފަރާތްތަކަށް ބައެއް ފަހަރު ވިސާގެ ދަތިކަން ކުރިމަތިވާ ކަމަށެވެ.

އަދި މިހާރު މަސައްކަތްކުރަމުން ދަނީ އެފަދަ ދަތިތަކަށް ހައްލެއް ހޯދަން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.