ވިޔަފާރި

ލިވިން އެކްސްޕޯ : ބައިވެރީން ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެއް

އަހުމަދު ޖައިޝަން

ހައިރައިޒް މޯލްޑީވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ލިވިން އެކްސްޕޯ 2019"ގެ އެގްޒިބިޓަރުންނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއި މަގުބޫލުކަމެއް ލިބިއްޖެއެވެ.

މިއަހަރުގެ އިވެންޓުގައި ރާއްޖެއާއި ރާއްޖޭގެ ބޭރުގެ ފަރާތްތަކާއެކު 30 އެގްޒިބިޓަރުން ހިމެނެއެވެ.

ލިވިން އެކްސްޕޯގެ ކޯ ސްޕޮންސާއެއް ކަމަށްވާ އޯލްޓެ އެޕާޓްމެންޓްގެ ކުންފުނި އިންޑޯޝިއަން ޑިވެލޮޕާސްގެ ޑިރެކްޓަރު ޕްރަދީޕް މޮރޭއިސް "ވަން އޮންލައިން"އަށް ވިދާޅުވީ ހައިރައިޒްއިން އެކުންފުންޏަށް އެކްސްޕޯޝާ ލިބޭނެ ކަމަށް ބުނި ކަމަށެވެ. އެހެން ނަމަވެސް ސަމާލުކަން ލިބުނީ އުއްމީދުކުރި ވަރަށްވުރެ މާބޮޑަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަސްލު އުއްމީދެއް ނުކުރަން ޒިޔާރާތްކުރި މީހުންގެ ތެރޭގައި އެހާ ގިނަ ކޮލިޓީ ފަރާތްތައް ހިމެނޭނެ ކަމަކަށް. އޭގެ މާނައަކީ ޒިޔާރާތްކުރި ގިނަ ފަރާތްތަކަކީ އެކަމަށް ހާއްސަވެގެން ނުވަތަ ސީރިއަސް ވެގެން ކަންތައްތައް އޮޅުން ފިލުވަން ޒިޔާރަތް ކުރި ފަރާތްތަކޭ،" ޕްރަދީޕް ވިދާޅުވިއެވެ.

އޯލްޓެއާއަކީ އޭޝިއާގެ އެންމެ މަގުބޫލު އާކިޓެކްޗަރަލް ޑިޒައިން އެވޯޑް ހޯދި ސްރީލަންކާގެ އެޕާޓްމެންޓް ކޮމްޕްލެކްސް އެކެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ވިޔަފާރަވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެއްގައި ހުންނަ މި އިމާރާތުގެ %70 ލަގްޒަރީ ރެސިޑެންޝަލް އެޕާޓްމަންޓްތައް މިހާރު ވަނީ ވިކިފައި ކަމަށް އަލްޓެއާ އިން މައުލޫމާތު ދެއެވެ.

އެކްސްޕޯގެ އިތުރު ކޯ ސްޕޮންސާއެއް ކަމަށްވާ އާކުއާ ވީޓާގެ ފަރާތުން ސޭލްސް މެނޭޖަރު ޖުނެއިނާ ރަޝީދު ވަން އޮންލައިންއަށް ވިދާޅުވީ އެކްސްޕޯއިން އާކުއާ ވީޓާއަށް ވަރަށް "ޕޮޒިޓިވް ސަޕޯޓް"އެއް ލިބެމުން އަންނަ ކަމަށެވެ.

ލަގްޒަރީ އެޕާޓްމެންޓް ކޮމްޕްލެކްސް އާކުއާ ވީޓާއިން ވަނީ އެކްސްޕޯއާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ޖުނެއިނާ ވިދާޅުވީ އެކްސްޕޯގެ ތެރެއިން އެޕާޓްމެންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް 8 ޕަސެންޓާއި 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެންޕީއެޗްޑީއިން ހުޅުމާލޭގައި ތަރައްގީކުރާ އެޕާޓްމެންޓް ކޮމްޕްލެކްސް އާކުއާ ވީޓާގައި ޖުމްލަ 102 އެޕާޓްމެންޓް ހުންނާނެއެވެ.

އާކުއަ ވީޓާގެ ހުރިހާ މަސައްކަތް ނިމި އަންނަ އަހަރުގެ މާޗު ތެރޭގައި އެތަން ހުޅުވާނެއެވެ.

އެކްސްޕޯގެ އެހެން ބައެެއް ބައިވެރީން ފާހަގަކުރި ގޮތުގައި ތަނަށް ޒިޔާރަތްކުރި މީހުންގެ އަދަދު އެމީހުން އުއްމީދުކުރިވަރަށްވުރެ ރަނގަޅެވެ. ވަކީން ޚާއްސަކޮށް އެމީހުންނަކީ ކަމަށް ސީރިއަސް ވެގެން ޒިޔާރަތްކުރާ މީހުން ކަމަށް ވުމުން އޭގެން ލިބުނު ފައިދާ ބޮޑު ކަމަށް ބައިވެރީން ފާހަގަކުރި އެވެ.

"އެންމެ މުހިންމި ކަމަކީ އަންނަ މީހުންނަކީ މި ކަމަށް ބޭނުންވެގެން އަންނަ މީހުންނަށް ވުން. އެގޮތަށް ބަލާއިރު މި އެކްސްޕޯ ވަރަށް މުހިންމު. ވަރަށް ހިތްހަމަޖެހޭ." ބައިވެރިޔަކު ބުންޏެވެ.