އެޑިއުކޭޝަން މިނިސްޓްރީ

އަމީން ދީދީގެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަމީނިއްޔާ ސްކޫލުގެ ބާނީ އަދި ކުރީގެ ރައީސް އަލްމަރުހޫމް މުހައްމަދު އަމީން ދީދީގެ ހަނދާނުގައި އަމީނިއްޔާ ސްކޫލުން ކޮންމެ އަހަރަކު ދެމުން އަންނަ ސްކޮލާޝިޕަށް ކުރިމަަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އަމީނިއްޔާ ސުކޫލުން ބުނި ގޮތުގައި އަމީން ދީދީގެ ސްކޮލާޝިޕަށް ކުރިމަތިލެވޭނީ އަތޮޅުތަކުގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމުމަށް ފަހު ސާނަވީ ތައުލީމު ހާސިލްކުރުމަށް އެ ސްކޫލަށް ވަންނަ ދަރިވަރުންނަށެވެ.

މި ސްކޮލާޝިޕް ދެނީ އެކުދިންގެ ތެރެއިން ސްކޮލާޝިޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނަގާ ޓެސްޓަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަކަށެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ހުންނަން ޖެހޭ ޝަރުތުތަކަށް ބަލާއިރު 2018 ޖަނަވަރީ އެކަކަށް 14 އަހަރު ނުފުރޭ ކުއްޖެއް ކަމުގައިވުމާއި 2018 ވަނަ އަހަރު މާލެ، ވިލިނގިލި، ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް ހަތެއް ނިންމި ކުއްޖަކަށް ވާން ޖެހެއެވެ.

އަދި އަޚުލާގު ރަނގަޅު ކުއްޖެއް ކަމުގައިވުމާއި 2018 ވަނަ އަހަރުގެ ފަހު ޓާމްގެ ފައިނަލް އެވްރެޖް 75 ޕަސެންޓް، ނުވަތަ އެއަށް ވުރެ މަތިން ފާސްވެފައިވާ ކުއްޖަކަށް ވެސް ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މި ސްކޮލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން އެކަމަށް އެދި މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 01:00ގެ ކުރީން ސްކޫލަށް ސިޓީ ފޮނުވަން ޖެހޭނެ ކަމަށް އަމީނިއްޔާ ސްކޫލުން ބުނެފައިވެއެވެ.

މި ސްކޮލަޝިޕަކީ އަމީނިއްޔާ ސްކޫލުގެ ޓްރަސްޓް ފަންޑުގެ ދަށުން 1995 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ސްކޮލަޝިޕެކެވެ.