މިމަހު ޖަޕާންގައި ފަށާ ޕެރަލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ޕެރަލިމްޕިކް އެތުލީޓުން ކަމަށްވާ، މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހިމަށް ދީފިއެވެ.
ޕެރަލިމްޕިކްސްގެ ތާރީހުގައި މިހާތަނަށް 61 އަހަރު ވެފައިވާ އިރު، މިއީ ރާއްޖެއިން ޕެރަ އޮލިމްޕިކްސްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. ދާދިފަހުން ރާއްޖެއިން ޕެރަ އެތުލެޓިކްސްގެ ތެރެއަށް ވަދެފައިވާ އިރު، މިހާރު ރާއްޖޭގައިވެސް ވަނީ ޕެރަ އޮލިމްޕިކްސް ކޮމިޓީއެއް ގާއިމުކޮށްފައެވެ. މާޒިން އާއި ފާތުން ވެގެންދާނީ، ޕެރަލިމްޕިކްސް ގޭމްސްއެއްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އެތުލީޓުންނަށެވެ.
މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް މާޒިން ވަނީ ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ.
ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ދެ މެންބަރުން ކަމަށްވާ ފާތުން އާއި މާޒިން އަކީ ދުވުމަށް ހާއްސަ ދެ އެތުލީޓުންނެވެ. މިމަހު 24 އިން އަންނަ މަހު ފަހެއްގެ ނިޔަލަށް ކުރިއަށްގެންދާ ގޭމްސްގައި ފާތުން އާއި މާޒިން ވާދަކުރާނީ 100 މީޓަރު ސްޕްރިންޓްގައެވެ. އެ ރޭހުގައި މާޒިންގެ ގައިޑް ރަނާއެއްގެ ގޮތުގައި ދުވާނީ މުހައްމަދު ސައިފް ޒާހިރެވެ. ފާތުންގެ ގައިޑް ރަނާ އަކީ ރަބާ އިސްމާއީލް އާސިފެވެ.