މުހައްމަދު މުސްތަފާ

އަކުރަމްގެ އަތުން 1.7 މިލިއަން ހޯދަން ދައުވާކުރި މައްސަލަ ލަސްވާތީ މުސްތަފާގެ ކަންބޮޑުވުން

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އަތުން 1.7 މިލިއަން ރުފިޔާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމި ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުސްތަފާ މިއަދު "ވަން" އަށް ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓުގައި އޮންނަތާ އަހަރެއް ވެފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އެ މައްސަލައިގެ ހުކުމް ނުކޮށްގެން އުޅެނީ ކީއްވެކަމެއް ވިސްނާ ވިސްނާ ނޭނގުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ ދެން އޮތީ ފަހު އަޑުއެހުން ކަމަށް ސިވިލް ކޯޓުން އަންގާފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

"މައްސަލަ ކޯޓުގައި އޮންނަތާ އަހަރެއް ވެއްޖެ. އަކްރަމް މިކިޔަނީ ތިމަންނައަށް ފައިސާ ދެވޭނީ މިހެންނޭ އެހެންނޭ. އެކަމަކު މި ގާޒީ ހުކުމް ނުކޮށްގެން އުޅޭ މައްސަލަ އަޅުގަނޑަކަށް ނޭނގުނު އެއްގޮތަކަށް ވެސް. މިއީ ވަރަށް ވިޔާނުދާކޮށް ކުރާ ކަމެއް،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ތުހުމަތުކުރައްވާ ގޮތުގައި އެ މައްސަލަ ކޯޓުގައި ނުނިމި ލަސްވަނީ މައްސަލަ ބައްލަވާ ގާޒީއަށް ނުފޫޒު ފޯރުވާފައިވާތީއެވެ.

"ޝަރުއީ ދާއިރާއަށް ނުފޫޒު ވަދެފައި ނެތްނަމަ މިހެން ނުވާނެ އިނގޭތޯ. މިއީ އިތުރު ބަހަނާއެއް ދެއްކޭކަށް އޮތް ކަމެއް ނޫނޭ އިނގޭތޯ. ސީދާ ޗެކްތަކެއް ހުށަހަޅާފަ ވާނީ. އޭނައަށް މީގެން އެއްވެސް އެއްޗެއް ރިޖެކްޓް ކުރެވެނީއެއް ނޫން. ގާޒީއަށް އެނގޭނެތާ މިކަން އޮތްގޮތް،"

އޭނާ ވިދާޅުވީ ޗެކްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ އަކްރަމް ކަމާލުއްދީނަށް ދީފައިވާނެ ކަމަށާއި މި މައްސަލަ ނިމުމުން އިތުރު މައްސަލަތައް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ބަހެއް އަދި ނުލިބެއެވެ.