މުހައްމަދު މުސްތަފާ

މުސްތަފާ އެމްޑީޕީއަށް ސޮއިކުރައްވައިފި

3

ރައްޔިތުންގެ މަޖިލިސްގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

މުސްތަފާ އެމްޑީޕީއަށް ސޮއި ކުރެއްވީ މިރޭ މާގިރީ ހޮޓެލްގައި ބޭއްވި ހަފްލާ އެއްގައެވެ. އެ ހަފްލާގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މުސްތަފާ އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އަނެއްކާވެސް މުސްތަފާ އެމްޑީޕީއާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޕާޓީއާ ގުޅުކަމުގައި ވިއަސް މުސްތަފާ އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މުސްތަފާ އެ ގުޅި ވަޑައިގަންނަވަނީ ޕާޓީގެ ގަވާއިދު ތަކާއި އުސޫލުތައް ގަބޫލު ކުރައްވާ އަދި ޕްރައިމަރީއެއްގައި ބައިވެރި ވުމަށް ނިންމަވާ އަދި އެގޮތަށް އެއްބަސްވެ ވަޑައިގަންނަވައިގެން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަފްލާގައި ވަނީ ތިމަރަފުށި އާއި ވޭމެންޑޫގެ ރައްޔިތުންގެ ފަރާތުން މުސްތަފާ ތިން ވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ ތަމްސީލު ކުރެއްވުމަށް އެދި ޕެޓިޝަނެއް އަރުވާފައެވެ. ޕެޓިޝަނުގައި 1200 ރައްޔިތުން ވަނީ ސޮއި ކުރައްވާފައެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އެބޭފުޅާ އަކީ އަބަދުވެސް އެމްޑީޕީ ބޭފުޅެއް ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގައިވެސް އެމްޑީޕީ މެންބަރަކަށްވުރެ ބޮޑަށް އެމްޑީޕީއަށް ހިދުމަތް ކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑު މެދު ކެނޑިއްޖެ ކަމަކަށެއް. އޭގެ ހެއްކަކަށް އަޅުގަނޑު ދައްކާނީ ރައީސް. މިދިޔަ ރައީސް ޔާމީންގެ ފަސް އަހަރުގައިވެސް އަޅުގަނޑު ދަންނަވާނީ އެމްޑީޕީގެ މީހަކަށްވުރެ ބޯޑު ހިދުމަތެއް އަޅުގަނޑު އެމްޑީޕީއަށް ކޮށްދިނިން. ރައީސް މި އިންނެވީ ކުރިމަތީގައި، ރައީސް ވިދާޅުވި ކޮންމެ ކަމެއް ބުނި ގޮތަކަށް އަޅުގަނޑު ވާނީ ކޮށްދީފައި" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ ސިޔާސީ މީހެއް ވިއްޔާ ޕްރައިމަރީ ގައި ވާދަ ކުރަން ފަސްނުޖެހޭނެ ކަަމަށެވެ. އަދި އެމްޑީޕީގެ ތެރެއިން ޕްރައިމަރީ ކާމިޔާބުކޮށް 2019 ގައި މަޖީލީހުގެ މެންބަރުކަން ހޯއްދަވާނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟