ޚަބަރު

ޑީސަލުން ޑިއުޓީ ކަނޑާލުމުގެ ބިލު މަޖިލީހަށް

އަހުމަދު ޖައިޝަން

ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑައިލުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި އެވެ.

ޑީސަލުން ޑިއުޓީ ކަނޑައިލުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަމުން މުސްތަފާ ވިދާޅުވީ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ މަސްވެރިންގެ ބޭނުންތަކަށް ޑީސަލްގެ އަގު ކުޑަކޮށް ޑީސަލުން ކަރަންޓު އުފައްދާ އާންމުންގެ ފަރާތްތަކަށް ޑީސަލް އަގުހެޔޮ ކޮށްދިނުން ކަމަށެވެ.

މިހާރު ނަގަމުން އަންނަ 10 ޕަސެންޓުގެ ޑިއުޓީ ނެގުން ހުއްޓާލުމަށް ހުށަހެޅި ބިލުގެ ސަބަބުން ސަރުކާރަށް 450 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ދައުލަތުން ހެޔޮގޮތުގައި ހުށަހަޅާ މި ހުށަހެޅުން، ވިޔަފާރިވެރިން ރަނގަޅު ގޮތުގައި ބޭނުންކުރާނެ ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ޑީސަލުން ޑިއުޓީ ކަނޑައިލުމުން ޑީސަލް ފީފާއަކުން މިހާރު ނަގާ އަދަދުގެ 230 ރުފިޔާ ވަރު ކުޑަވެގެން ދާނެ ކަމަށެވެ. އަދި މިހާރު 2،300 ރުފިޔާއަށް ލިބޭ ޑީސަލް ފީފާގެ އަގު 2،000 ރުފިޔާއަށް ކުޑަވެގެން ދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ރައްޔިތުންނަށް މަންފާކުރާ އެ ބިލަށް ވިޔަފާރިވެރީން އަމަލު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަދަލުތައް ގެންނަ އަގުތައް ކޮންޓްރޯލްކޮށް މޮނިޓަރ ކުރުމަށް އިކޮނޮމިކް މިނިސްޓްރީ ހާއްސަ ބޯޑެއް އެކުލަވާލާފައި އޮތުން މުހިއްމު ކަމަށެވެ.