އެޑިއުކޭޝަން މިނިސްޓްރީ

ނާސްތާއާ ގުޅުވައިގެން ސައްހަ ނޫން މައުލޫމާތު ހާމަނުކުރުމަށް އެޑިއުކޭޝަނުން އިލްތިމާސްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ސުކޫލު ކުދިންނަށް ދެމުން އަންނަ ނާސްތާ ޕްރޮގްރާމާ ގުޅޭ ގޮތުން މީސް މީޑިއާއާއި އަދި ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ބެލެނިވެރިންނާއި ދަރިވަރުން ކަންބޮޑުވާ ފަދަ ސައްހަ ނޫން މައުލޫމާތު ހާމަނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމަކީ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ބައިތިއްބުމަށާއި ހެދި ބޮޑުވަމުން އަންނަ ދަރިވަރުންގެ ލާބަޔާއި މަންފާއަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އަދި އެޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދޭ ތަކެއްޗަކީ ވަކި އުސޫލެއްގެ ދަށުން ޓީޗަރުންނާއި ސްކޫލުތަކުން ވަރަށް ރަނގަޅަށް ބެލުމަށްފަހު ދޭ ތަކެތި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ނާސްތާ ތައްޔާރުކުރާ ފަރާތްތަކުން ތައްޔާރުކުރާ ގޮތުގެ ބަޔާނެއް ކޮންމެ ދުވަހަކު ވެސް ސުކޫލަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ކާބޯތަކެތީގެ ތާޒާކަން ދަރިވަރުން ބޭނުންކުރުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ޓީޗަރުން ބަލައި ޗެކުކުރާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބައެއް ސުކޫލުތަކުގެ ނަން ބޭނުންކޮށްގެން މީޑިއާގައި މައުލޫމާތު ހާމަކުރަމުންދާތި، އެކަން ބެލިއިރު އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް ސްކޫލުތަކުން ބުނެފައިވާކަމަށް ވެސް ބަޔާނުގައި ވެއެވެ.

ސްކޫލު ކުދިންނަށް ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ ތޭރަ ވަނަ ދުވަހުއެވެ.