އެޑިއުކޭޝަން މިނިސްޓްރީ

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

2018 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް، އަދި އެ ކެންޑިޑޭޓަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރެއް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނު ބާއްވާފައިވަނީ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައެވެ.

އިމްތިހާނުގެ ނަތީޖާ ދޫކުރުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން އެޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ދޫކުރާނެ ކަމަށެވެ.

އަދި ނަތީޖާ ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 1:30އަށް ކަމަށް ބުނެފައިވެއެވެ.

އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ފަރާތްތަކަށް ނަތީޖާ ދޫކުރާނީ އެފަރާތެއްގެ އައިޑީކާޑާއި އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ މީހާގެ އައިޑީކާޑު ހިފައިގެން ދިއުމުން ކަމަށް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުން 5802 ދަރިވަރުން ބައިވެރިވިއެވެ.