ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީގެ ''ފަލަ ސުރުޚީ'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު ވިދާޅުވީ ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައިގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކުރެއްވި ކަަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ މުސާރަ ބޮޑުކުރުމަކީ މިނިސްޓަރު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށާއި އެކަމަށްޓަކައި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރަން ތައްޔާރަށް އޮތް ކަމަށެވެ.
އަދި މީގެއިތުރުން އަބްދުﷲ ރަޝީދު ވިދާޅުވީ ސުކޫލުތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ކިޔަވައިދިނުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް މިއަހަރު ކުރިއަށްގެންދާނެ ކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސުކޫލުތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ލައިބުރަރީ ނެތުމެވެ.