ފީފާ ދަ ބެސްޓް

މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލައި، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލެވަންޑޮސްކީ ހޯދައިފި

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، "ދަ ބެސްޓް" އެވޯޑު ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޮސްކީ ހޯދައިފިއެވެ.

ލެވަންޑޮސްކީ އެ އެވޯޑު ހޯދިކަން އިއުލާންކޮށްފައިވަނީ ޒިއުރިޗްގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ލެވަންޑޮސްކީއާއެކު އެވޯޑުގެ ގަދަ ތިނެއްގައި ހިމެނިފައިވަނީ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލެވަންޑޮސްކީއަށް ލިބިފައިވާ އިރު، އޭނާ ވަނީ ބަޔާން މިއުނިކާއެކު މިދިޔަ އަހަރު އެކްލަބުން ވާދަކުރި ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. ޕޮލެންޑްގެ ފޯވަޑް، އަދި ކެޕްޓަން ލެވަންޑޮސްކީ ވަނީ މިދިޔަ އަހަރު ކުޅުނު 47 މެޗުން 55 ގޯލް ޖަހައިފައެވެ. އުމުރުން 32 އަހަރުގެ ލެވަންޑޮސްކީ އަހަރު ނިންމާލީ ޖަރުމަނު ލީގާއި، ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ.

ދުނިޔޭ ފުޓުބޯޅައިގެ ތާރީހުގައިވެސް ދުށް އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުމެއްގެ ގޮތުގައި އާންމުކޮށް ފީފާ ބެސްޓް އެވޯޑު ފާހަގަކޮށްލެވޭ އިރު، 2016 އިން ފެށިގެން އެ ދެކުޅުންތެރިން ވަނީ ތިން ފަހަރު އެވޯޑު ހާސިލުކޮށްފައެވެ. ރޮނާލްޑޯ ދެ ފަހަރު، މެސީ އެއް ފަހަރު ފީފާ ބެސްޓް އެވޯޑު ކާމިޔާބު ކޮށްފައިވާ އިރު، އޭގެ ކުރިން ދެމުންދިޔަ ބެލޮންޑިއޯގައި ވެސް ރަސްކަން ކުރީ މެސީއާއި ރޮނާލްޑޯއެވެ.

ކޮވިޑް 19 އާ ގުޅިގެން މިއަހަރުގެ ބެލޮންޑިއޯ ކެންސަލް ކޮށްފައިވާ އިރު، އެ އެވޯޑުވެސް ދިންނަމަ ހައްގުވާ ފަރާތަކީ ލެވަންޑޮސްކީ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިރޭގެ އެވޯޑު ހަފްލާގައި އިތުރު އެކިއެކި އެވޯޑުތައްވެސް އިއުލާން ކޮށްފައިވެއެވެ. މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ލޫސީ ބްރޯންޒްއަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ލިބިފައިވާ އިރު، އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވުނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕެވެ. އަދި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާއެވެ.

ފީފާ "ދަ ބެސްޓް" އެވޯޑުގެ މަގާމަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ހެޑް ކޯޗުންގެ އިތުރުން ބައެއް ހާއްސަ ސަޕޯޓަރުންނާއި 200 މީޑިއާ ތަމްސީލުކުރާ ފަރާތްތަކެއްގެ ވޯޓުން ހޮވާ އެވޯޑެކެވެ.