ލިއޮނެލް މެސީ

ހާލަންޑާ ގާތުން ވާދަކޮށް، ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީއަށް

މުޙައްމަދު ޝަމްޢޫން

ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.

މިއީ މެސީ "ފީފާ ދަ ބެސްޓް" ހޯދި ތިންވަނަ ފަހަރެވެ. "ފީފާ ދަ ބެސްޓް" އެވޯޑަކީ 2017 ވަނަ އަހަރުން ފެށިގެން ފީފާއިން ދެމުން އަންނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ފީފާ "ދަ ބެސްޓް" އެވޯޑުގެ މަގާމަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ހެޑް ކޯޗުންގެ އިތުރުން ހާއްސަ ސަޕޯޓަރުންނާއި 200 މީޑިއާ ތަމްސީލުކުރާ ފަރާތްތަކެއްގެ ވޯޓުން ހޮވާ އެވޯޑެކެވެ.

ރެކޯޑު 8 ފަހަރަށް ޝަރަފުވެރި ބެލޮންޑިއޯ ހޯދާފައިވާ މެސީ، މީގެ ކުރިން 'ފީފާ ދަ ބެސްޓް" އެވޯޑު ހާސިލުކޮށްފައި ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުއެވެ. އޭގެ އިތުރުން އޭނާ ވަނީ ގަދަ ތިނެއްގެ ތެރޭގައި، 2017، 2018ގެ އިތުރުން 2021 އަދި 2022 ވަނަ އަހަރުވެސް ހިމެނިފައެވެ. މެސީއަކީ މިހާރު ދަ ބެސްޓް އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާވެސް މެއެވެ.

މެސީއަށް މިދިޔަ ސީޒަނަކީ ކްލަބު ފުޓުބޯޅައިގައި އެންމެ ކާމިޔާބު އަހަރެއް ނޫން ނަމަވެސް، އޭނާ ވަނީ ޕީއެސްޖީއާއެކު ލީގު ކާމިޔާބުކޮށްފައެވެ. ފްރާންސް ލީގުގެ އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔަކީވެސް އޭނާއެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އުފުލާލި މެސީ، ސީޒަނުގެ ފަހު ބައި ހޭދަކުރީ އެމެރިކާ ލީގުގެ އިންޓަ މިއާމީގައެވެ.

މެސީއާ އެންމެ ގާތުން ބެސްޓް އެވޯޑަށް ވާދަކުރި ނޯވޭގެ މެންޗެސްޓާ ސިޓީ ފޯވަޑް ހާލަންޑަށްވެސް މެސީއާ އެއްވަރަށް ޕޮއިންޓް ލިބިފައިވެއެވެ. އެއީ 48 ޕޮއިންޓެވެ. މެސީއަށް އެވޯޑު ލިބުނީ ވޯޓު ލިބުނީމައެވެ. މިފަހަރުގެ އެވޯޑުގައި ތިންވަނަ ލިބުނީ ކިލިއަން އެމްބާޕޭއަށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިނާއެކު އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރި ބާސެލޯނާގެ އައިޓާނާ ބޮންމާޓީއެވެ. އެންމެ މޮޅު ފިރިހެން ކޯޗަކީ ޕެޕް ގާޑިއޯލާއެވެ. އެންމެ މޮޅު ފިރިހެން ގޯލްކީޕަރަކީ ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަންއެވެ.

ރޭގެ ހަފުލާއަށް މެސީ ހާޒިރުވެފައެއް ނުވެއެވެ.