ނިމިދިޔަ ސީޒަނުގެ އެމެރިކާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާ އަދި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.
ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ މެސީއާއެކު އިންޓަ މިއާމީން ސީޒަން ނިންމާލީ ރެކޯޑު ޕޮއިންޓާއެކުގައެވެ. ލީގު ބުރު ނިމުނު އިރު، އެއްވަނައިގައި އޮތް އިންޓަ މިއާމީން ސަޕޯޓާސް ޝީލްޑް އުފުލާލައިފައިވާ އިރު، އެޓީމުން ޕްލޭ އޮފްގެ އެއްވަނަ ބުރުން ކެޓީ ހިތްދަތިކޮށެވެ.
ކުރިން ބާސެލޯނާއާއި ޕީއެސްޖީއަށް ކުޅުނު އުމުރުން 37 އަހަރުގެ މެސީ ވަނީ 36 ގޯލަށް އެހީތެރިވެދީފައެވެ. އެއީ 20 ގޯލު ޖެހުމުގެ އިތުރުން 16 ގޯލަށް އެސިސްޓް ކޮށްދީގެންނެވެ.
މެސީ، ނިމިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި އަނިޔާގެ މައްސަލަތަކެއްގައި އުޅުނު ނަމަވެސް، އޭނާ ކުޅުނު މެޗުތަކުގައި ތަފާތު ދައްކާފައިވެއެވެ. ލީގު ބުރުގައި 19 މެޗު ކުޅުނު އިރު، ދެން ކުޅުނީ ޕްލޭ އޮފް ދެމެޗުގައެވެ.
އެމެރިކާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ކުޅުންތެރީންނާއި، ކްލަބުތަކުގެ ޓެކްނިކަލް ސްޓާފުން އަދި ނޫސްވެރީން ހޮވާ މަގާމެކެވެ. މެސީއަށް 38.43 ޕަސެންޓް ވޯޓު ލިބިފައިވާ އިރު، ދެން އެންމެ ގާތުން ވާދަކުރީ ކޮލަމްބަސް ކްރޫގެ ކޫޗޯ ހެނާންޑޭޒް އެވެ. އޭނާއަށް ވަނީ 33.7 ޕަސެންޓް ވޯޓު ލިބިފައެވެ.
މޭޖާ ލީގު ސޮކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ ރަސްމީ ނަމަކީ ލަންޑޮން ޑޮނޮވަން އެވޯޑެވެ. އެ އެވޯޑު އެންމެ ގިނައިން ހޯދި އެއް ކުޅުންތެރިޔަކީ ކުރިން އެމެރިކާ ގައުމީ ޓީމުގައި ވިދާލި ޑޮނަވަން އެވެ. އޭގެފަހުން އަޔަލޭންޑްގެ ރޮބީ ކީންއާއި ސްޕެއިންގެ ޑޭވިޑް ވިލާވެސް ވަނީ އެވޯޑު ހޯދައިފައެވެ.