އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެމުންދާ އިންޓަ މިއާމީގެ ކޯޗުކަމަށް، ކުރިން އާޖެންޓީނާއަށް ކުޅުނު ހާވިއޭ މަޝެރާނޯ ގެންދަން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އުމުރުން 40 އަހަރުގެ މަޝެރާނޯއަކީ މެސީ އާއެކު އާޖެންޓީނާއަށް ކުޅުމުގެ އިތުރުން ބާސެލޯނާއަށްވެސް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ބާސާއަށް ކުޅުނީ 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަށެވެ.
އިންޓަ މިއާމީގައި އެންމެފަހުން ހުރި ކޯޗު، ޖެރާޑޯ "ޓާޓާ" މާޓިނޯ މަގާމުން ދުރަށް ދިޔައީ އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމަށް ކަމަށް ބުނެއެވެ. އެއީ މިދިޔަ ހުކުރު ދުވަހުއެވެ. މާޓިނޯ އެހެން ބުނި ނަމަވެސް، ބައެއް ނޫސްތަކުން ބުނީ އޭނާ މަގާމު ދޫކޮށްލީ ލީގު ޗެމްޕިއަންޝިޕް ޕްލޭ އޮފް ފުރަތަމަ ބުރުން އެ ޓީމު ކެޓުމުން ކަމަށެވެ.
އިންޓި މިއާމީ ނިމުނު ސީޒަނުގައި ރެކޯޑު 74 ޕޮއިންޓާއެކު ސަޕޯޓާސް ޝީލްޑް އުފުލާލި ނަމަވެސް، ޕްލޭ އޮފްގެ ފުރަތަމަ ބުރުން ކެޓުން އެއީ ބޮޑު މާޔޫސް ކަމެކެވެ.
އިންޓަ މިއާމީ ކޯ އޯނަރު ޖޯޖް މާސް ހުކުރު ދުވަހު ބުނީ އާ ކޯޗަކަށް އެ ކްލަބުން ކުރަމުންދާ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައިވާ ކަމަށާއި އެ މަސައްކަތަށް މެސީގެ ލަފާވެސް ހޯދި ކަމަށެވެ.
މިއާމީން ހޯދަން މަސައްކަތް ކުރާ މަޝެރާނޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އާޖެންޓީނާ އާއެކު ދެ ފަހަރަށް އޮލިމްޕިކްސް ރަން މެޑަލް ހޯދައިފައެވެ. އޭގެފަހުން އާޖެންޓީނާގެ 20 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ކޯޗުކަންވެސް އޭނާ ކޮށްފައިވެއެވެ. އެގޮތުން މި އަހަރު ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގައި އާޖެންޓީނާގެ ކޯޗަކީވެސް އޭނާއެވެ.
މަޝެރާނޯ އާއެކު އާޖެންޓީނާ ވަނީ އޮލިމްޕިކްސްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ ޓީމު ކެޓީ ފްރާންސް އަތުންނެވެ.