ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، "ފީފާ ދަ ބެސްޓް" އެވޯޑުގެ އެއްވަނަ މަގާމަށް ރާއްޖޭގެ ކެޕްޓަން އަލީ ސަމޫހު (ސަމުއްޓެ) އާއި ކޯޗު އަލީ ސުޒެއިންގެ ވޯޓުވެސް އާލިން ބްރައުޓް ހާލަންޑަށް ދީފިއެވެ.
މިއަހަރުގެ ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ލިއޮނަލް މެސީ ހޯދި އިރު، މިއީ މެސީ "ފީފާ ދަ ބެސްޓް" ހޯދި ތިންވަނަ ފަހަރެވެ. "ފީފާ ދަ ބެސްޓް" އެވޯޑަކީ 2017 ވަނަ އަހަރުން ފެށިގެން ފީފާއިން ދެމުން އަންނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ފީފާ "ދަ ބެސްޓް" އެވޯޑުގެ މަގާމަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ހެޑް ކޯޗުންގެ އިތުރުން ބައެއް ހާއްސަ ސަޕޯޓަރުންނާއި 200 މީޑިއާ ތަމްސީލުކުރާ ފަރާތްތަކެއްގެ ވޯޓުން ހޮވާ އެވޯޑެކެވެ.
މެސީއާ އެންމެ ގާތުން ބެސްޓް އެވޯޑަށް ވާދަކުރި ހާލަންޑަށްވެސް މެސީއާ އެއްވަރަށް ޕޮއިންޓް ލިބިފައިވެއެވެ. އެއީ 48 ޕޮއިންޓެވެ. މެސީއަށް އެވޯޑު ލިބުނީ ވޯޓުގެ ތަފާތުންނެވެ. މިފަހަރުގެ އެވޯޑުގައި ތިންވަނަ ލިބުނީ ކިލިއަން އެމްބާޕޭއަށެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އެއްވަނަ އަށް ހާލަންޑަށް ދީފައިވާ އިރު، އޭނާގެ ދެވަނަ އަކީ މެސީއެވެ. އަދި ތިންވަނައަކީ އެމްބާޕޭއެވެ. ސުޒައިންގެ ދެވަނައަކީ އެމްބާޕޭއެވެ. ތިންވަނަ އަކީ ނަޕޯލީއާއެކު އިޓަލީ ލީގު ކާމިޔާބުކުރި ނައިޖީރިއާގެ ފޯވަޑް، ވިކްޓޯ އޮސީމެންއެވެ.