ފީފާ ދަ ބެސްޓް

ކެޕްޓަން ސަމުއްޓެ އާއި ކޯޗު ސުޒޭންގެ ވޯޓު ވެސް ވިނީޝިއަސްއަށް

ފީފާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު، ދަ ބެސްޓްގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް ރާއްޖޭގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި ކޯޗު އަލީ ސުޒޭންގެ ވޯޓުވެސް ރެއާލް މެޑްރިޑް އަދި ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއަށް ދީފިއެވެ.

ފީފާ ދަ ބެސްޓް އެވޯޑު ހަފުލާ ރޭ ގަތަރުގައި ބާއްވާފައިވާ އިރު، މިދިޔަ ސީޒަނުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ ވިނީޝިއަސްއެވެ. އެއީ ޖުމުލަ 48 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ސްޕެއިނާއެކު ޔޫރޯ ކާމިޔާބުކުރި ރޮޑްރީއެވެ. އޭނާއަށް ލިބިފައި ވަނީ ޖުމުލަ 43 ޕޮއިންޓެވެ. ފިރިހެން އެންމެ މޮޅު ކުޅުންތެރިންގެ ތިންވަނައަކީ ޖޫޑް ބެލިންހަމްއެވެ. އޭނާއަށް ވަނީ 37 ޕޮއިންޓް ލިބިފައެވެ.

ފީފާ ދަ ބެސްޓް އެވޯޑު ދިނުމަށް ބަލަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހަށެވެ. ފީފާ ބެސްޓް އެވޯޑަށް އާއްމުންގެ ވޯޓާއި ނޫސްވެރިންގެ ވޯޓުގެ އިތުރުން ގައުމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ ވޯޓު ގުނައެވެ. އޭގެ ތެރެއިން ކޮންމެ ގްރޫޕެއްގެ ވޯޓަކީވެސް 25 ޕަސެންޓެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ސަމުއްޓެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ވިނީޝިއަސްއަސް ވޯޓު ދިން އިރު، ދެވަނައަކީ ރޮޑްރީއެވެ. އޭނާގެ ތިންވަނައަކީ ބެލިންހަމްއެވެ. ކޯޗު ސުޒޭންގެ ތަރުތީބަކީ ވިނީޝިއަސް، ބެލިންހަމް އަދި ރޮޑްރީއެވެ.

ރާއްޖެއިން ވޯޓު ދިން ނޫސްވެރިޔާ ޝިމާޒް އަލީގެ އެއްވަނައަކީވެސް ވިނީޝިއަސްއެވެ. އޭނާގެ ދެވަނައަކީ ބެލިންހަމްއެވެ. ތިންވަނައަކީ އާލިން ހާލަންޑެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދީ ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމަޓީއެވެ. އެންމެ މޮޅު ކީޕަރަކަށް އާޖެންޓީނާ އަދި އެސްޓަން ވިލާގެ އެމިލިއާނޯ މާޓިނޭޒް ހޮވުނު އިރު، އެންމެ މޮޅު ގޯލަކީ މެންޗެސްޓާ ޔުނައިޓެޑްގެ އެލެހާންޑްރޯ ގާނާޗޯ އެވަޓަން ކޮޅަށް ޖެހި ބައިސްކަލް ކިކެވެ.

މިފަހަރުގެ އެވޯޑުގައި އެންމެ މޮޅު ފިރިހެން ކޯޗަކީ ރެއާލް މެޑްރިޑްގެ ކާލޯ އެންޗެލޮޓީއެވެ.

އަންހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ރާއްޖޭގެ ކެޕްޓަން ހައްވާ ހަނީފާ ވޯޓު ދިން ތަރުތީބަކީ ބޮންމަޓީ، ލިންޑްސޭ ހޮރާން، ކިއޭރާ ވެލްޝްއެވެ. އަންހެން ޓީމުގެ ކޯޗު މުހައްމަދު ނިޒާމްގެ އެއްވަނައަކީވެސް ބޮންމަޓީއެވެ. އޭނާގެ ދެވަނައަީ ސޯފިއާ ސްމިތެވެ. ތިންވަނައަކީ ވެލްޝްއެވެ.

ސަމުއްޓެއާއި ކޯޗު ސުޒޭންގެ އެހެން ބައެއް ވޯޓުތައް

ސަމުއްޓެގެ ގޯލްކީޕަރު ވޯޓު

  • އެޑަސަން
  • ޖިއާންލުއީޖީ ޑޮނަރޫމާ
  • އެމިލިއާނޯ މާޓިނޭޒް

ކޯޗު ސުޒޭންގެ ގޯލްކީޕަރު ވޯޓު

  • ޖިއާންލުއީޖީ ޑޮނަރޫމާ
  • އަންދްރީ ލުނިން
  • އެމިލިއާނޯ މާޓިނޭޒް

ސަމުއްޓެގެ އެންމެ މޮޅު ކޯޗުގެ ވޯޓު

  • ޕެޕް ގާޑިއޯލާ
  • ކާލޯ އެންޗެލޮޓީ
  • ޒަބީ އެލޯންސޯ

ކޯޗު ސުޒޭންގެ އެންމެ މޮޅު ކޯޗު ވޯޓު

  • ކާލޯ އެންޗެލޮޓީ
  • ލިއޮނަލް ސްކަލޯނީ
  • ލުއިސް ޑެ ލަ ފުއެންޓޭ