އެޑިއުކޭޝަން މިނިސްޓްރީ

ނާސްތާގެ ފުރަތަމަކޮޅު ދިމާވާ ދަތިތަކަށް ކެތްތެރިވުމަށް މިނިސްޓަރު އިލްތިމާސްކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ސުކޫލުތަކުގެ ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމްގެ ފުރަތަމަކޮޅުގައި ދިމާވާ މައްސަލަތަކަށް ހުރިހާ ދަރިވަރުންވެސް ކެތްތެރިވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލްތިމާސްކުރައްވައިފިއެވެ.

ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިއަދު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ދޭން ފަށާއިރު ފުރަތަމަކޮޅުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

އަދި ޖެހޭ ރޫތައް ފިލުވައި އަމާންކުރެވޭނީ ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ތަޖުރިބާ ލިބިގެން ކަމަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމެއްވެސް ފަށައިގަންނަ އިރު ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެކަންކަމަށް ދަރިވަރުން ކެތްތެރިވާނެ ކަމަށް ޔަގީންކުރައްވާކަމަށެވެ.

މީގެއިތުރުން މިނިސްޓަރުގެ ވާހަކަފުޅުގައި އާ އަހަރުގެ ކިޔެވުން ފެށުމާއެކު ހުރިހާ ދަރިވަރުންވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަށާއި މައިންބަފައިންނާއި މުދައްރިސުންގެ ބަސް އަހާ ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.

އާ އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނާސްތާ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.