ރާއްޖޭގެ ހުރިހާ ސްކޫލުތަކުން ޖުމްލަ 73035 ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު، "ވަން އޮންލައިން"އަށް ވިދާޅުވީ 73000އަށްވުރެ ގިނަ ދަރިވަރުން މިއަހަރު ތައުލީމު ހާސިލުކުރާއިރު އެއީ އެލްކޭޖީން ފެށިގެން ގްރޭޑް 12ގެ ދަރިވަރުން ކަމަށެވެ.
މިނިސްޓްރީން ބުނީ މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށެވެ. އެ ސްކޫލުތަކުގެ ތެރެއިން 185 ސްކޫލެއްގައި ސާނަވީ އިމްތިހާނު ހަދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މަތީ ސާނަވީ އިމްތިހާނު ހަދާނީ 50 ސްކޫލެއްގައެވެ.
ކިޔެވުން މިއަދު ފަށާފައިވާއިރު ދަރިވަރުންނަށާއި ޓީޗަރުންނަށް މަރުހަބާ ކިޔުމަށް ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ސްކޫލްތަކުގައި 9800 ޓީޗަރުން ކިޔަވައިދޭނެއެވެ. އޭގެތެރެއިން ދިވެހި ޓީޗަރުންގެ އަދަަދަކީ 7900 އެވެ. އަދި ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 ޓީޗަރުން ކިޔަވައިދޭއިރު، ރާއްޖެއަށް ކިޔަވައިދިނުމަށް އާ ބިދޭސީ ޓީޗަރުން އައިސްފައިވާ ނިސްބަތް އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.