ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަންތައް އާންމުކޮށްފިއެވެ.
މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔަކު ހޮވުމަށް އިއުލާންކޮށްފައިވާ ނޮމިނޭޝަންތަކުގެ ތެރޭގައި އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ފިރިހެން އަދި އަންހެން ކޯޗުންގެ ނޮމިނޭޝަންތައް ހިމެނެއެވެ. އޭގެ އިތުރުން ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ގޯލު، "ޕުސްކަސް" އެވޯޑަށް ވާދަކުރާ ގޯލްތައްވެސް ފީފާއިން ވަނީ މިއަދު އިއުލާންކޮށްފައެވެ.
ފީފާއިން ބުނީ ނޮމިނޭޝަންތަކަށް ވޯޓު ދިނުމަށް ހުޅުވައިލެވޭނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ އިތުރަށް، މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ހެޑް ކޯޗުންނަށް ކަމަށެވެ. އޭގެ އިތުރުން ސަޕޯޓަރުންގެ ފަރާތުންވެސް ހާއްސަ ވޯޓެއް ނެގޭއިރު، ގާތްގަނޑަކަށް 200 ވަރަކަށް މީޑިއާއަށް ވޯޓުދިނުމަށް ފުރުސަތު ދޭނެ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
ވޯޓު ލާނީ މިއަދުން ފެށިގެން ޑިސެމްބަރު ނުވަވަނަ ދުވަހާ ހަމައަށެވެ. ނަތީޖާ އިއުލާންކުރާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
ފީފާއިން އިއުލާންކުރި ލިސްޓުގައި ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް، ލިވަޕޫލްގެ ވާޖިލް ވެންޑައިކްގެ އިތުރުން މުހައްމަދު ސަލާހާއި ސާޑިއޯ މާނޭ އަދި މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވި ތިއާގޯ އަލްކަންޓްރާވެސް ވާދަކުރެއެވެ. މިދިޔަ ސީޒަނުގައި އަލްކަންޓްރާ ކުޅެފައިވަނީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކަށެވެ.
އޭގެ އިތުރުން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާވެސް ވަނީ 11 ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފައެވެ.
ފިރިހެން އެންމެ މޮޅު ކޯޗުންނަށް ވާދަކުރާ ލިސްޓުގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާއި، ލީޑްސް ފުރަތަމަ ޑިވިޝަނަށް ގެނެސްދިން މާސެލޯ ބީލްސާ ހިމެނޭ އިރު، އަންހެން ކޯޗު ކަމަށް ޗެލްސީގެ އެމާ ހަޔެސްއާއި ނެދަލޭންޑްސްގެ ސަރީނާ ވީގްމަންވެސް ވަނީ ނޮމިނޭޓް ވެފައެވެ.
ޓޮޓެންހަމްގެ ހިއުންމިއުން ސޮން ބާންލީ ކޮޅަށް ޖެހި ގޯލް ޕުސްކަސް އެވޯޑަށް ނޮމިނޭޓް ވެފައިވާ އިރު، އެ ގޯލާ ވާދަކުރާނީ ވޭލްސްގެ އަންހެން ޓީމުގެ ކެޕްޓަން ސޯފީގެ ގޯލަކާއި ސްކޮޓްލޭންޑް އަންހެން ޓީމުގެ ކަރޮލިން ވިއާގެ ގޯލެކެވެ.